09 Jan 2015, 08:51
ސްރީ ލަންކާގެ ވެރިކަމުގައި ދިގުމުއްދަތެއް ހޭދަކުރައްވަމުން އަންނަ އެގައުމުގެ ބާރުގަދަ ރައީސް މަހިންދަ ރާޖަޕަކްސަ، އިއްޔެ އޮތް ލަންކާގެ ރިޔާސީ އިންތިހާބުން ބަލިވެވަޑައިގެންފިކަން ގަބޫލުފުޅުކުރައްވައި އެކަން އިއުލާނުކުރައްވައިފި އެވެ.
ލަންކާގެ ސިޔާސީ މަސްރަހު، ރާޖަޕްކަސަ ކޮންޓްރޯލް ކުރައްވަމުން ވަޑައިގަންނަވާތާ 10 ވަރަކަށް އަހަރު ވެފައިވާއިރު، ހީކުރިގޮތާ ހިލާފަށް މިފަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ބައްޔާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ، އިންތިހާބުގައި އެމަނިކުފާނުގެ ކުރީގެ ހެލްތުމިނިސްޓަރު މައިތުރިޕާލަ ސިރިސޭނާއާ ވާދަކުރައްވައެވެ.
ރާޖަޕަކްސަގެ ޕްރެސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ވިޖެޔަނަންދާ ހެރަތު ވިދާޅުވީ، އިންތިހާބުން ބަލިވެވަޑައިގެންފިކަން ރާޖަޕަކްސަ އިއުލާނުކުރެއްވީ، ރިޔާސީ ގަނޑުވަރު "ޓެމްޕަލް ޓްރީސް"ގައި އިދިކޮޅު ލީޑަރު ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރެއްވުމަށް ފަހު ކަމަށެވެ.
ބީބީސީން ބުނީ، ރައްޔިތުންގެ ނިންމުން ރައީސް ރާޖަޕަކްސަ ގަބޫލުފުޅު ކުރައްވާ ކަމަށާއި، ވެރިކަމުގެ ބާރުތައް އޮމާންކަމާއެކު ބަދަލުކުރުމުގެ ފުރުސަތު ދެއްވާނޭ ކަމަށް ރާޖަޕަކްސަ ވިދާޅުވި ކަމަށްވެސް އޭނާގެ ޕްރެސް ސެކްރެޓަރީ ވިދާޅުވި ކަމަށެވެ.
ރައީސް ރާޖަޕަކްސަ އެމަނިކުފާނުގެ ރަސްމީ އޮފީސްކޮޅު ދޫކުރައްވައި، މިހާރު ވަޑައިގެންފައިވާއިރު އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ސިރިސޭނާ މިއަދުގެ ވަގުތެއްގައި ރައީސްކަމާ ހަވާލުވެވަޑައިގަންނަވާނޭ ކަމަށްވެސް ޕްރެސް ސެކްރެޓަރީއާ ހަވާލާދީ ބީބީސީގައި ބުނެފައިވެއެވެ.

ރާޖަޕަކްސައާއި ސިރިސޭނާއާ ދެބޭފުޅުން ވެސް ނިސްބަތްވެވަޑައިގަންނަވަނީ، ލަންކާގެ ބައިގިނަ ސިންހަޅަ ނަސްލަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ލަންކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން ސިރިސޭނާ އިއުލާނުކުރެއްވުމާ ހަމައަށްވެސް ރާޖަޕަކްސައާ ދެބޭފުޅުންނަކީ ވަރަށް ގާތް ދެ ބޭފުޅުންނެވެ.
އިންތިހާބުގެ ރަސްމީ ނަތީޖާ މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި އިއުލާނުކުރުމަށް ހަމަޖެހިފައިވާ އިރު، މިހާތަނަށް ގުނާފައިވާ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސިރިސޭނާ ވަނީ އިންތިހާބުގެ 50 އިންސައްތައަށްވުރެ މަތިން ވޯޓު ހޯއްދަވައިފައެވެ.
ލަންކާގެ ރައީސްކަމަށް ރާޖަޕަކްސަ ހޮވިވަޑައިގަތީ 2005 ވަނަ އަހަރު އެވެ. އަދި 2010 ވަނަ އަހަރު ރިޔާސީ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތީ ކުރީގެ އާމީ ޗީފް ސަރަތު ފޮންސެކާއާ ވާދަކުރައްވައެވެ. އަދި ފޮންސެކާގެ މައްޗަށް ސަރުކާރުން ގިނަ ދައުވާތަކެއް އުފުލުމަށް ފަހު އޭނާ ވަނީ ޖަލަށް ލާފައެވެ.
ރައީސް ރާޖަޕަކްސާގެ ރައީސް ކަމުގެ ދައުރު ނުނިމެނީސް އަވަސް އިންތިހާބެއް އޭނާ އިއުލާން ކުރެއްވީ ލަންކާގެ އަހުލީ ހަނގުރާމައިގެ ހަނދާންތައް މީހުންގެ ހިތްތަކުން ނުފިލަނީސް ވޯޓު ލައިފި ނަމަ ކާމިޔާބު ކުރައްވަން ފަސޭހަވާނެ ކަމަށް ބައްލަވައިގެން ކަމަށް މުހައްލިލުން ބުނެ އެވެ.
ލަންކާގައި ވަކިވެގަތުމަށް މަސައްކަތްކުރަމުން ގެންދިޔަ ތަމަޅަ ޓަގަރުންގެ ހަނގުރާމަވެރީން 2009 ވަނަ އަހަރު ބަލިކޮށް، 20 އަހަރަށް ވުރެ ގިނަދުވަހަށް ދެމިގެންދިޔަ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެންނެވުމުގެ ސަބަބުން ރާޖަަޕަކްސައަކީ ގައުމީ ބަޠަލެއްގެ ޝަރަފް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުތަކާއި، އާއިލާއާއި ގާތް ބޭފުޅުންނަށް ސަރުކާރުގެ ބާރުތައް ދެއްވައި ނަހަމަ ގޮތުގައި ބާރުތަކުގެ ބޭނުން ކުރައްވަމުން ގެންދަވާކަމަށް ބުނެ ރައްޔިތުންގެ މެދުގައި އެމަނިކުފާނުގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
ލަންކާގައި މިފަހަރުގެ ރިޔާސީ އިންތިޚާބު އޮމާންކަމާ އެކު ކުރިއަށް ގޮސްފައިވާއިރު، މީގެ ކުރީ ފަހަރުތަކަށް ވުރެ ގިނަ މީހުން ވޯޓުގައި ބައިވެރިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 70 އިންސައްތަ މީހުން ވޯޓުގައި ބައިވެރިވެފައިވާކަމަށް ބީބީސީން ބުންޏެވެ.
ވޯޓުގެ ނަތީޖާތައް ދައްކާގޮތުން ރާޖަޕަކްސައަށް ނިސްބަތުން އިންތިޚާބުގެ އެންމެ ބޮޑުބައެއް ގެއްލިފައިވަނީ، ތަމަޅައިންގެ އަޣްލަބިއްޔަތު އޮންނަ އެންމެ ބޮޑު ދެ ރަށް ކަމަށްވާ، ޖެފްނާއާއި ޓްރިންކޮމަލީންނެވެ.