09 Jan 2015, 03:15
ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އެހީއާއެކު ރާއްޖެއިން ވަރަށް އަވަހަށް ތަނެއް ގަންނާނެ ކަމަށް އެމެރިކާގެ މަޝްހޫރު އާރްއެންޑްބީ/ހިޕްހޮޕް/ރެޕް ލަވަކިޔުންތެރިޔާ އޭކަން ބުނެފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއުޒިކް ފެސްޓިވަލެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ޓޫރިސްޓް އެރައިވަލް ކައުންޑައުން ދެ ވަނަ ޝޯގައި ލަވަތައް ހުށަހަޅައިދެމުން މިނިސްޓަރު އަދީބަށް ތައުރީފުކޮށް އޭކަން ބުނީ އަދީބަކީ ވަރަށް ރަނގަޅު ބޭފުޅެއް ކަމަށެވެ. ރާއްޖެއަކީ ސުވަރުގެއެއް ފަދަތަނެއް ކަމަށާއި "މިތަނުން ތަނެއް ހޯދާނެ" ކަމަށް އޭކަން ބުންޏެވެ. ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ރާއްޖެއިން "ގެއެއް" ގަންނާނެ ކަމަށާއި އެކަމުގެ މެދުވެރިއަކީ އަދީބު ކަމަށް އޭނާ ބުންޏެވެ.
"ރާއްޖޭގެ ރީތިކަމެއް އަސްލު ކަލޭމެންނަކަށް ނޭނގޭ. އަހަރެންނަށް ދައުވަތު ދިނީތީ މިނިސްޓަރު އަދީބަށް ޝުކުރު އަދާކުރަން. އަދީބާ ހުރެ އަހަރެން މިތަނުން ހަފްތާއެއްގެ ތެރޭގައި ގެއެއް ގަންނާނަން،" އަދީބާ ދިމާލަށް އިނގިލި ދިއްކޮށްގެން ހުރެ އޭކަން ބުންޏެވެ.

ރާއްޖެއިން ގެއެއް ގަންނާނެ ކަމަށް އޭކަން ބުނެފައިވާއިރު، ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ މިރޭގެ ޝޯގައި "ސަމާސާ ރާގަކަށް" ރާއްޖެއިން ރަށެއް ދިނުމަށް އަދީބުގެ އަރިހުގައި އެދިފައިވެ އެވެ. ޕްރިޔަންކާ އެހެން ބުނުމުން އަދީބު ވަނީ އެކަން ހަމަޖެހޭނެ ކަމަށް އިޝާރާތްކޮށް ވާހަކަފުޅު ދައްކާފަ އެވެ. މިރޭގެ ޝޯގައި ޕްރިޔަންކާ ވަނީ އަދީބަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ.
"އެއާޕޯޓުގައި މިނިސްޓަރު އަދީބު އަރިއަހުން އެދުނިން އަހަންނަށް ރަށެއް ދޭށޭ. އޭރުން އަހަރެންގެ ހުރިހާ ރައްޓެހިން ރާއްޖެ ގެނެސް ރާއްޖެގައި ޝޯތަކާއި އެއްޗެހި ބާއްވާލަން. އަދިވެސް އަހަރެމެން މި ދަނީ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން،" ހިނިއައިސްފައި ހުރެ ސަމާސާ ކުރަމުން ޕްރިޔަންކާ ބުންޏެވެ.

މިރޭގެ ޝޯގައި އޭކާން ވަނީ އާ އަހަރުގެ އުފަލުގައި ރާއްޖޭގައި ބާއްވާ ޝޯގައި ބައިވެރިވާނެ ކަމަށް އިއުލާންކޮށްފަ އެވެ. އަދި ޕްރިޔަންކާ ވަނީ ރާއްޖޭގައި ޝޯއެއް ހުށަހަޅަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
