ރާއްޖޭގައި އިސްލާމީ ސަގާފަތާ އަގީދާ ދިރުވަން ގިނަގުނަ މަސައްކަތްތަކެއް ކެތްތެރިކަމާއެކީ ކުރަންޖެހޭކަން ވަރަށް ބޮޑަށް ސާފުވެގެން ހިނގައްޖެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް ކުރެއްވި ޓްވީޓެއްގައި އެހެން ވިދާޅުވެފައިވާއިރު، އެއީ ކޮންކަމެއް ސާފުވެގެން ކަމެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް މިނިސްޓަރު އެ ޓްވީޓްތައް ކުރައްވާފައި ވަނީ މިރޭ ގަލޮޅު ފުޓްބޯޅަ ދަނޑުގައި ޝޯ ކުރިއަށްދިޔަ ވަގުތުގަ އެވެ.

މިނިސްޓަރު މިރޭ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ވާޖިބު އަދާކުރުމުގައި ދެމިތިބޭނެ ކަމަށް އިޝާރާތްކުރައްވާ ޝަހީމް ވިދާޅުވީ މިނިސްޓްރީގެ ފަރާތުން ދަރުސްތައް އިތުރުކޮށް ހެޔޮކަންކަމަށް ބާރު އަޅާނެ ކަމަށެވެ.

"މާތް ﷲ މުސްލިމުން އިއްޒަތް ކުރެއްވީ އިސްލާމް ދީނާއި އެ ދީނުގެ ސަގާފަތުން. ފަހެ އެޔާ ދުރަށްދެވޭނަމަ އެދެވެނީ ނިކަމެތި ކަމާ ދިމާލަށް،" މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ އިލްމުވެރިންނަށް އިޝާރާތްކުރައްވާ ވެސް މިނިސްޓަރު ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. އެގޮތުން އިލްމުވެރިން އެބޭފުޅުންގެ ވާޖިބު އަދާކުރައްވާފައިވާ ކަމަށާއި އިލްމުވެރިންނާ ފުރައްސާރަކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޓްވީޓެއް ކުރައްވާފައިވެ އެވެ.

"އިލްމުވެރިނާއި އިސްލާމި ކަންކަމުގައި މަސައްކަތްކުރައްވާ އެންމެހާ ފަރާތްތަކުން ކެތްތެރިކަން އިސްކުރެއްވުމަށް އިލްތިމާސްކުރަން،" މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.