09 Jan 2015, 00:30
ރާއްޖެ އަށް އައިސް ޝޯއެއްގައި ހުށަހަޅައިދޭން ބޭނުންވާ ކަމަށް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިހާރު ކުރިއަށްދާ ދެވަނަ ޓުއަރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯ އަށް ގޮސް ތިބި މީހުންނާ ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނީ، ކައިރި މުސްތަގްބަލެއްގައި ރާއްޖެ އައިސް ޝޯއެއް ހުށަހަޅައިދޭން ބޭނުންވާ ކަމަށާއި "ވަރަށް އަވަހަށް އެކަންވާނެ ކަމަށް އުއްމީދުކުރަމާ ހިނގާ،" ށެވެ.
ޕްރިޔަންކާ މިރޭގެ ޝޯއިން ފެނުމާ އެކު އޭނާ އަށް ޝޯ ބަލަންވަދެ ތިބި މީހުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
މިރޭ ކުރިއަށްދާ ޝޯގައި ބައިވެރިވުމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ދެއްވި ދައުވަަތު ގަބޫލުކޮށް ޕްރިޔަންކާ އާއިލާއާ އެކު ރާއްޖެ އައިސްފައި ވަނީ މިއަދު އެވެ. ޕްރައިވެޓް ޖެޓެއްގައި އާއިލާއާ އެކު ރާއްޖެ އައި ޕްރިޔަންކާ އަށް މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.
ޕްރިޔަންކާ ބުނީ، އޭނާ ރާއްޖެ އައިސްފައި ވަނީ އޭނާ މިހާރު ކުޅެމުންދާ "ބާޖިރާއޯ މަސްތާނީ"ގެ ޝޫޓިންތައް ކެލްސަލް ކުރުމަށް ފަހު އެންމެ ރެއަކަށެވެ. އަދި މިދަތުރުގައި އޭނާގެ މަންމަ އާއި ބޭބެގެ އިތުރުން އިތުރު ގާތް ރައްޓެހިންތަކެއް ވެސް ބައިވެރިވާ ކަމަށް މިރޭ އޭނާ ބުނެފައިވެ އެވެ. ޕްރިޔަންކާ މަޑުކުރަނީ ފުލްމޫންގަ އެވެ.
ޝޯގައި ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނީ، ރާއްޖެ އައުމަށް ފަހު އެއާޕޯޓުގައި މިނިސްޓަރު އަދީބާ އެކު ދެއްކި ވާހަކަތަކުގައި އިންޑިއާ މީހުން ރާއްޖެ ގެނައުމާ ގުޅޭ ގޮތުން ވާހަކަ ދެކެވުނު ކަމަށެވެ. އަދި ރާއްޖެ ވާންޖެހޭނީ ދުނިޔޭގައި އޮތް އެންމެ ބޮޑު ހޮލިޑޭ ޑެސްޓިނޭޝަނަށް ކަމަށް ޕްރިޔަންކާ ބުންޏެވެ.
"އެއާޕޯޓުގައި މިނިސްޓަރު އަދީބު އަރިއަހުން އެދުނިން އަހަންނަށް ރަށެއް ދޭށޭ. އޭރުން އަހަރެންގެ ހުރިހާ ރައްޓެހިން ރާއްޖެ ގެންނާނަމޭ. އަދި ރާއްޖެ އައިސް ޝޯތަކާއި އެއްޗެހި ބާއްވާލަން. އަދިވެސް އަހަރެމެން މިދަނީ އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރަމުން،" ހިނިއައިސްފައި ހުރެ ސަމާސާ ކުރަމުން ޕްރިޔަންކާ ބުންޏެވެ.
މިރޭގެ ޝޯގައި ޕްރިޔަންކާ ވަނީ ހާއްސަ ފަރާތްތަކަކަށް ހަނދާނީ ފިލާތަކެއް ވެސް އަރުވައިފަ އެވެ. އެގޮތުން ޝޯ ބާއްވައި ދެއްވީތީ މިނިސްޓަރު އަދީބަށާއި ޝޯ ސްޕޮންސާ ކޮށްދެއްވި ކަމަށް ޓަކައި ސަން ޓްރެވަލްގެ ޗެއާމަން އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމަށާއި ޗަމްޕާ ބްރަދާސްގެ މުހައްމަދު މޫސާ (އުއްޗު) އަށް ވެސް ވަނީ ހަނދާނީ އެވޯޑެއް ދީފަ އެވެ.
މީގެ އިތުރުން، ރާއްޖޭގައި ހުރި ޕްރިޔަންކާގެ އެންމެ ބޮޑު އެއް ފޭން އަދި ރާއްޖޭގެ މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީއަށް ޕްރިޔަންކާ ވަނީ ހާއްސަ އެވޯޑެއް ދީފަ އެވެ.