ސްރީލަންކާގައި މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ކައިރިން ވާދަކުރެއްވި ދެބޭފުޅުން ކަމަށްވާ އެގައުމުގެ ރައީސް މަހިންދަ ރާޖަޕަކްސައާއި މައިތިރިޕާލަ ސިރިސޭނާ، ނަތީޖާގެ އިންތިޒާރުގައި ތިއްބެވި އިރު އެގައުމުގައި ވޯޓު ގުނުން ކުރިއަށް އެބަދެ އެވެ.

ލަންކާ ގަޑިން މިރޭ 11 ޖަހާކަށް ހާއިރު ވޯޓު ގުނަން ފެށި އިރު ވަގުތީ ނަތީޖާއެއް ލިބޭނެ ކަމަށް ބެލެވެނީ މާދަމާ އެވެ.

ބީބީސީ އިން ބުނީ ލަންކާގައި މިއަދު ބޭއްވި އިންތިހާބާ މެދު ޝަކުވާތަކެއް ހުށަ ހަޅާފައި ނުވާ ކަމަށެވެ. އަދި ބުނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ ގިނަ އަދަދެއްގެ ބަޔަކު ވޯޓުލީ ކަމަށެވެ. އެގޮތުން ވޯޓުލާން ނުކުތް މީހުންގެ ނިސްބަތަކީ ގާތް ގަނޑަކަށް 70 ޕަސެންޓް ކަމަށް ވެސް ބުންޏެވެ.

ރައީސް ރާޖަޕަކްސާގެ ރައީސް ކަމުގެ ދައުރު ނުނިމެނީސް އަވަސް އިންތިހާބެއް އޭނާ އިއުލާން ކުރެއްވީ ލަންކާގެ އަހުލީ ހަނގުރާމައިގެ ހަނދާންތައް މީހުންގެ ހިތްތަކުން ނުފިލަނީސް ވޯޓު ލައިފި ނަމަ ކާމިޔާބު ކުރައްވަން ފަސޭހަވާނެ ކަމަށް ބައްލަވައިގެން ކަމަށް މުހައްލިލުން ބުނެ އެވެ. ތަމަޅައިންނަށް ވަކި ދައުލަތެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ޓައިގަރު ޖަމާއަތް، ލަންކާ ސިފައިން ބަލިކުރީ 2009 ވަނަ އަހަރު އެވެ. އެހަނގުރާމައަށް ފަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރާޖަޕަކްސާ އާ ވާދަކުރެއްވި ކުރީގެ ޖެނެރަލް ޝަރަތު ފޮންސެކާގެ މައްޗަށް ސަރުކާރުން ގިނަ ދައުވާތަކެއް އުފުލުމަށް ފަހު އޭނާގެ ވަނީ ޖަލަށް ލާފަ އެވެ.

ސިރިސޭނާއާ އެކު ސަރުކާރުން ވަކިވެވަޑައިގެން ގިނަ ބޭފުޅުންތަކެއް ވަނީ އިދިކޮޅު މީހުންނާ ގުޅިވަޑައިގެންފަ އެވެ. އެބޭފުޅުން ވަކިވެވަޑައިގެންނެވުމުން ރާޖަޕަކްސާ އޭރު ވިދާޅުވެފައި ވަނީ އެ އެންމެ ބޭފުޅުންގެ "ފައިލްތައް ވެސް އެބަހުރި" ކަމަށެވެ.

ބީބީސީ އިން ބުނީ ސްރީލަންކާގައި ހަގީގީ ހިޔާލު ހޯދުމުގެ ޕޯލަކަށް ބުރަވުމުގެ ފުރުސަތު ނެތް ކަމަށެވެ. އެކަަމަކު ތަމަޅައިންނާއި މުސްލިމުން ފަދަ ބައި މަދު ޖަމާއަތްތައް އެއްގަލަކަށް އެރުމަކީ ރާޖަޕަކްސާ އަށް އިންތިހާބު ގެއްލުމަށް އޮތް ފުރުސަތެއް ކަމަށެވެ.