ދުނިޔޭގައި ދެވޭ އެންމެ މަތީ ފަންތީގެ އެވޯޑް ނުވަތަ (އިންޓަނޭޝަނަލް ސްޓޭޑަޑް އޯގަނައިޒޭޝަން) އައިއެސްއޯގެ ތިން އެވޮޑެއް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ލިބިއްޖެ އެވެ.

ޓީއެމްއޭ އަށް ލިބިފައިވާ އެވޯޑްތަކުގެ ތެރޭގައި އައިއެސްއޯ9001ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގެ އެވޯޑަކާއި އައިއެސްއޯ14001ގެ އެންވަޔަރަންމަންޓަލް މެނޭޖްމެންޓް ސިސްޓަމްއެވޯޑަކާއި އައިއެސްއޯ18001 ގެ އޮކިއުޕޭޝަން އެންޑް ހެލްތު ސޭފްޓީ އެވޯޑެއް ހިމެނެ އެވެ.

އޭގެ އިތުރުން ޓީއެމްއޭއަށް ވަނީ ޕީއޭއެސް ލެވެލްގެ ސެޓްފިކެޓެއް ބްރިޓިޝް ސްޓެންޑަޑް އިންސްޓްރަކްޝަން (ބީއެސްއައި)ގެ އެވޯޑުވެސް ލިބިފަ އެވެ. އެ އެވޯޑް ހަވާލުކޮށްދެއްވީ ބީއެސްއައިގެ މެނޭޖިން ޑިރެކްޓަރު ވެންކަޓަރަމް އަރަބޯލު އެވެ. އެވޯޑާ ހަވާލުވެވަޑައިގަތީ ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ އެވެ. އަދި "ވޯލްޑް ޓްރޭވަލް އެވޯޑު 2014" އިން ވޯލްޑް ލީދިން ސީޕްލޭން އޮޕަރޭތަރެއްގެ މަގާމާއި "އިންޑިއަން އޯޝެން ލީޑިން ސީޕްލޭން އޮޕަރޭޓާ" ގެ މަގާމު ވަނީ ހޯދާފަ އެވެ.

އެ އެވޯޑުތައް ހަވާލުކޮށްފައި ވަނީ ޓީއެމްއޭގެ 25 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިރޭ ހުޅުލޭ އައިލެންޑް ހެޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ ވިދާޅުވީ ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި އެ އެއާލައިނަށް ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލްކުރެވިފައި ކަމަށާއި މިރޭ އެ ހަފްލާއިން ފެނިގެން ދިޔަ އެވޯޑުތަކަކީ އެކަމަށް ހެކިދޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް މިވަނީ މި 25 އަހަރުގެ ތެރޭގައި ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދިފައި. އަޅުގަނޑު ޔަގީންކަން ދެން ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ކުރިއެރުންތައް ހޯދައި ރާއްޖޭގެ ރައްޔިތުންނަށް ލުއި ފަސޭހަކަން ހޯދައިދޭން ގިނަ މަސައްކަތް ތަކެއް ކުރާނެކަން،" ފައުޒީ ވިދާޅުވި އެވެ.

ޓީއެމްއޭގެ ޚިދުމަތް 1993ގައި ރަސްމީކޮށް ފަށާފައިވާ އިރު އެ ކުންފުނިން މިއަދާ ހަމައަށް އައި އިރު ޖުމްލަ 46 ސީޕްލޭން އޮޕަރޭޓް ކުރެއެވެ. އެ 46 ސީޕްލޭނާއެކު ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެއްގެ މަގާމު ޓީއެމްއޭއަށް ލިބެ އެވެ.