ވިސާއާ ނުލައި ތިން މަހަށް އިންޑިއާގައި ހުރުމުގެ މުއްދަތު ހަމަވެފައިވާ ދިވެހިން އެ ގައުމަށް ގެންދާ އެއާލައިންތައް ޖޫރިމަނާ ކުރަން ފަށައިފި އެވެ.

ރާއްޖެ އާއި އިންޑިއާ ދެމެދުގައި ވެފައިވާ ބައި-ލެޓަރަލް އެގްރީމަންޓްގައިވާ ގޮތުން ދިވެހިންނަށް އިންޑީގައި ޗުއްޓީ ހޭދަކޮށްލެވޭނީ ކޮންމެ ހަ މަހަކުން 90 ދުވަހު އެވެ. ހަ މަސް ދުވަހުގެ ތެރޭގައި 90 ދުވަސް ހަމަވެއްޖެނަމަ ދެން އެ ގައުމުގައި ހުރެވޭނީ ވިސާ ލިބިގެންނެވެ.

ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ވިސާއާ ނުލައި އިންޑިއާގައި ހުރުމުގެ މުއްދަތު ހަމަވެފައިވާ މީހަކު އެ ގައުމަށް ގެންދާ އެއާލައިންތައް ޖޫރިމަނާ ކުރަން ފަށާފައިވާ ކަމަށެވެ.

އިންޑިއާއިން ކުރާ ޖޫރިމަނާއަކީ ބޮޑު އަދަދަކަށްވުމުން، ދިވެހިން އިންޑިއާއަށް ގެންދިއުމުގައި އެއާލައިންތަކުން ހާއްސަ އުސޫލުތަކެއް މިހާރު ވަނީ ކަނޑައަޅާފަ އެވެ.

އިމިގްރޭޝަންގެ ބަޔާނުގައި ބުނެފައި ވަނީ ދިވެއްސަކު އައު ޕޯސްޕޯޓެއްގައި އިންޑިއާއަށް ދަތުރުކުރާނަމަ، އޭނާ އެންމެ ފަހުން ބޭނުން ކުރި ޕާސްޕޯޓް އެއާލައިން ޗެކިންކޮށްދޭ ވަގުތު ކައުންޓަރަށް ދައްކަންޖެހޭނެ ކަމަށެވެ. އެންމެފަހުން ދަތުރުކުރި ޕާސްޕޯޓް ނެތް ފަރާތްތައް އިންޑިއާއަށް ގެންދިއުމަށް އެއާލައިންތަކުން އުޒުރުވެރިވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

"ވީމާ ޕާސްޕޯޓުގެ މުއްދަތު ހަމަވުންފަދަ ކަމަކާއި ގުޅިގެން ޕާސްޕޯޓު އައު ކުރުމަށްފަހު އިންޑިއާއަށް ދަތުރުކުރާނަމަ، އެންމެ ފަހުން އިންޑިއާއަށް ދިއުމަށް ބޭނުންކުރި ޕާސްޕޯޓް ހިއްޕަވައިގެން ދަތުރު ކުރުމީ އެދެވިގެންވާ ކަމެކެވެ. އެންމެފަހުނ ދަތުރުކުރި ޕާސްޕޯޓް އަތްޕުޅުގައި ނެތް ފަރާތްތަކަށް އިންޑިއާއަށް ދަތުރުކުރުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން ޕާސްޕޯޓް އާ ކުރުމުގެ މުރީން ދަތުރު ކުރުމަށް ބޭނުންކުރި ޕާސްޕޯޓްގެ މައުލޫމާތު ހިމެނޭ ރަސްމީ ލިޔުން އިމިގްރޭޝަނުން ދޫކުރުމަށް ހަމަޖެހިފައިވާ ކަން އެންމެހާ ރައްޔިތުންގެ ސަމާލު ކަމަށްޓަކައި ދެންނެވީމެވެ،" އިމިގްރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.