ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ބާއްވާ މިއުޒިކް ފެސްޓިވަލްގައި ޕާފޯމް ކުރުމަށް އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ ދާދި ދެންމެއަކު ރާއްޖެ އަތުވެއްޖެ އެވެ.

މިރޭ ބާއްވާ މިއުޒިކް ފެސްޓިވަލަށް ޕްރިޔަންކާ ރާއްޖެ އައުމުން، އޭނާގެ އިސްތިގުބާލުގައި ޓޫރިޒަމް މިނިސްޓަރާއި ސަރުކާރުގެ ބައެއް ބޭފުޅުން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރައިވެޓް ޖެޓެއްގައި ރާއްޖެ އައި ޕްރިޔަންކާއަށް މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރު އަހުމަދު އަދީބެވެ. އަދީބުގެ އަރިހުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވެސް ވަނީ ޕްރިޔަންކާއަށް މަރުހަބާ ވިދާޅުވެފަ އެވެ.


ރާއްޖެ އައުމަށްފަހު ޕްރިޔަންކާ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ގައުމީ ފުޓްބޯޅަ ދަނޑުން "ހުރިހާ އެންމެން ވެސް" ފެނުމަށް ކެތްމަދުވެފައިވާ ކަމަށެވެ.




ޕްރިޔަންކާގެ އިސްތިގުބާލުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ވެސް ވަނީ އައިއެންއައިއޭއަށް ވަޑައިގެންފަ އެވެ. އަދި އޭނާއާއެކު ސެލްފީތައް ނަގައި، ސޯޝަލް މީޑިއާގައި ދަނީ އާންމު ކުރަމުންނެވެ. ޕްރިޔަންކާގެ އިސްތިގުބާލުގައި އައިއެންއައިއޭއަށް ދިޔަ މަޖިލިސް މެމްބަރުންގެ ތެރޭގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިން ރަޝީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.