08 Jan 2015, 17:15
ޖާވާ ކަނޑަށް މިދިޔަ މަހު ވެއްޓުނު އެެއާ އޭޝިޔާ މަތިންދާ ބޯޓުން ދަތުރު ކުރި ފަސިންޖަރުންގެ އާއިލާއަކަށް 125،000 ޑޮލަރު ބަދަލެއްްގެ ގޮތުގައި ދޭން ނިންމައިފި އެވެ.
އެއާ އޭޝިޔާ ކުންފުންޏާ ހަވާލާދީ ސީއެންއެން އިން މިއަދު ބުނީ އެއާ އޭޝިޔާ، 8501 އިން ދަތުރު ކުރި ކޮންމެ ފަސިންޖަރެއްގެ އާއިލާ އަށް 100،000 ޑޮލަރު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެއީ ކުރިން ދިނުމަށް ހުށަހަޅާފައިވާ 24،000 ޑޮލަރުގެ އިތުރުން ކަމަށް ވެސް ސީއެންއެން އިން ބުންޏެވެ.
އެއާ އޭޝިޔާ ކުންފުނީގެ ތަރުޖަމާނާ ހަވާލާދީ ސީއެންއެން ބުނީ، އެއާ އޭޝިޔާ އިން ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާއިދުތަކަށް ފުރިހަމަ އަށް ބޯލަނބާނެ ކަމަށާއި އޭވިއޭޝިއަން އެކްސިޑެންޓުން ބައެއްގެ ފުރާނަ ގެއްލިއްޖެ ނަމަ، އެ ފުރާނަ ގެއްލުނު ކޮންމެ މީހަކަށް 1.3 މިލިއަން އިންޑޮނޭޝިޔާ ރުޕިޔާ ނޫނީ 98،000 ޑޮލަރު ދޭން ޖެހޭ ކަމަށެވެ.
ސަތޭކަ ފަސްދޮޅަސް ދެ މީހުންނާ އެކު އިންޑޮނޭޝިޔާ އިން ފުރައިގެން ސިންގަޕޫރަށް ދަތުރު ކުރަނިކޮށް، އެއާ އޭޝިޔާގެ 8501 ފްލައިޓް ވަނީ ގެއްލިފަ އެވެ. އަދި ޖާވާ ކަނޑުން ވަނީ އެ ބޯޓުގެ ބައިތަކަކާއި ބައެއް މީހުންގެ ހަށިތައް ވެސް ނަގައިފަ އެވެ. އަދި ބޯޓު ވެެއްޓެން ދިމާވީ ކީއްވެގެން ކަން ބެލުމަށް އިތުރު ބައިތައް ދަނީ ހޯދަމުންނެވެ.
މޮންޓްރިއޯލް މުއާހަދާ ބުނާ ގޮތުން ވައިގެ ހާދިސާއަކުން ބަައެއްގެ ފުރާނަ ގެއްލިއްޖެ ނަމަ، އެ ފުރާނަ ގެެއްލުނު ކޮންމެ މީހެއްގެ އާއިލާ އަށް މަދުވެގެން 174،000 ޑޮލަރު ދޭން ޖެހެ އެވެ. ނަމަވެސް އެ ބަދަލު ދޭން ޖެހެނީ މޮންޓްރީއޯލް މުއާހަދާ ތަސްދީގުކޮށްފައިވާ ނަމަ އެވެ. އިންޑޮނޭޝިޔާ އިން އަދި މިހާތަނަށް އެ މުއާހަދާ ތަސްދީގުކޮށްފައެއް ނުވެ އެވެ. އެހެން ކަމާ އެކު އެ އަދަދަށް ބަދަލު ހޯދުމަކީ ދަތިކަމަކަށް ވެދާނެ އެވެ. ނަމަވެސް އާއިލާތަކުން މަސައްކަތްކޮށްފި ނަމަ އެއީ ނުވާނެ ކަމެއް ވެސް ނޫނެވެ. އަދި ކޯޓުތައް މެދުވެރިކޮށް، އެ އަށްވުރެ ބޮޑެތި އަދަދުތައް ހޯދުމަށް އާއިލާތަކުން މަސައްކަތް ކުރުމަކީ ވެސް އޮތް ފުރުސަތެކެވެ.
ބަދަލު ހޯދުމުގެ މަރުހަލާއަކީ ދިގު މަރުހަލާ އެކެވެ. އެކަމަކު ގެެއްލުނު މެލޭޝިޔަން އެއާލައިންގެ މަތިންދާ ބޯޓު، 370 އިން ދަތުރުކުރި ބައެއް މީހުންގެ އާއިލާތަކަށް ވެސް ވަނީ ކޮންމެވެސް ވަރަކަށް ފައިސާގެ އެހީދީފަ އެވެ. އެކަމަކު ލިބެން ޖެހޭ ޖުމްލަ އަދަދު އަދި ވަނީ ނުލިބި އެވެ.