08 Jan 2015, 17:07
އެއާޕޯޓު ފެރީގެ ޓިކެޓު ގަންނަ ކޮންމެ މީހަކަށް ފެރީގައި ހިލޭ ތިން ލަގެޖު ގެންދެވޭ ގޮތަށް ޓްރާސްޕޯޓް އޮތޯރިޓީން ގަވާއިދެއް ހަދައިފި އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު "ސަން" އާ ވިދާޅުވީ، އެގޮތަށް ގަވާއިދެއް ހަދަންޖެހުނީ އެއާޕޯޓު ފެރީތަކުން އެކި އަގުތަކުގައި މީހުން ލަގެޖުގެ ގޮތުގައި ގެންނަ ތަކެއްޗަށް ފައިސާ ނަގަމުންދާތީ އެކަން ހައްލުކުރުމުގެ ގޮތުން ކަމަށެވެ. ނާފިޒު ވިދާޅުވީ، އެ ގަވާއިދަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިއިގެން އަމަލުކުރަން ފަށާފައިވާނެ ކަމަށެވެ.
"ރާއްޖެއިން ބޭރުން މީހުން އަންނައިރުގައާއި ރާއްޖެއިން ބޭރަށް މީހުން ދާއިރު އެބޭފުޅުން ގެންނަ ލަގެޖުތަކުން އާދަޔާ ހިލާފަށް ހަމަ ހިތުހުރި ގޮތަކަށް އެކިއެކި ފެރީތަކަށް ޗާޖުކުރަމުންދާ ކަމުގެ ޝަކުވާ ހުށަހެޅުމުން އަޅުގަނޑުމެން މިހާރު މިވަނީ ގަވާއިދެއް ހަމަޖައްސާފައި. އަޅުގަނޑުމެން މިހާރު ހަމަޖައްސާފައިވާ އުސޫލަކީ ފެރީން ޓިކެޓު ގަންނަ ކޮންމެ މީހަކަށް ތިން ލަގެޖު ހިލޭ ހުޅުލެއަށް ގެންދެވޭނެ އަދި ހުޅުލެއިން މާލެއަށް އަންނަ އިރުވެސް ގެނެވޭނެ،" ނާފިޒު ވިދާޅުވި އެވެ.
ނާފިޒު ވިދާޅުވީ، ފަސިންޖަރުން އަތްދަބަހުގެ ގޮތުގައި ގެންގުޅޭ އެއްވެސް އެއްޗަކަށް ފައިސާ ނެގިގެން ނުވާނެ ކަމަށެވެ. އަދި ތިން ލަގެޖަށް ވުރެއް އިތުރުވާ ނަމަ، އިތުރުވާ ކޮންމެ ލަގެޖަކަށް 10ރ. ޗާޖު ކުރާނެ ކަމަށް ނާފިޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބަހުރި އެންމެ ލަގެޖެއް ގެންނަ މީހުން އަތުންވެސް ފައިސާ ނަގާފައި ހުރި ކަމަށް. އެހެންވީމަ މިކަމުގެ ޝަކުވާ އަޅުގަނޑުމެންނަށް ލިބެމުންދާތީ މިގޮތަށް ގަވާއިދެއް ހަދަން މިޖެހުނީ. ދެން ތިން ލަގެޖައް ވުރެއް ގިނައިން ގެންދާ ކަމަށް ވާނަމަ ވަކިން ހާއްސަކޮށް ލަގެޖު ޓިކެޓެއް ފަސިންޖަރުންނަށް ދޭން ޖެހޭނެ. " ނާފިޒު ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް އަމަލުކުރަމުންދާ ފެރީތަކަށް ދަތުރުކުރުމުގެ ހުއްދައެއް ޓްރާންސްޕޯޓު އޮތޯރިޓީ އިން ނުދޭނެ ކަމަށް ވެސް ނާފިޒު ވިދާޅުވި އެވެ. އަދި ފެރީތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން މަސައްކަތް ކުރައްވަން ޖެހޭނީ ސަރުކާރުން ކޮންޓްރޯލްކޮށްފައިވާ އަގުތަކުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.