ސްރީލަންކާގައި މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވޯޓުލުން ނިންމާލައިފި އެވެ.

ވޯޓުލުން ނިންމައިލި އިރު ވޯޓުލުމަށް ނުކުތް މީހުންގެ ނިސްބަތަކީ ކިހާ ވަރެއް ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް މިއަދުގެ މެންދުރު ވަގުތާ ހަމައަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 50 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް ނޫސްތަކުން ބުންޏެވެ.

މިއަދުގެ އިންތިހާބުގައި އޭނާއާ އެންމެ ކައިރިން ވާދަކުރައްވާ ސިރިސޭނާއަކީ އިންތިހާބު އިއުލާން ކުރުމާ ހަމައަށް ހެލްތު މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

ރައީސް ރާޖަޕަކްސާގެ ރައީސް ކަމުގެ ދައުރު ނުނިމެނީސް އަވަސް އިންތިހާބެއް އޭނާ އިއުލާން ކުރެއްވީ ލަންކާގެ އަހުލީ ހަނގުރާމައިގެ ހަނދާންތައް މީހުންގެ ހިތްތަކުން ނުފިލަނީސް ވޯޓު ލައިފި ނަމަ ކާމިޔާބު ކުރައްވަން ފަސޭހަވާނެ ކަމަށް ބައްލަވައިގެން ކަމަށް މުހައްލިލުން ބުނެ އެވެ. ތަމަޅައިންނަށް ވަކި ދައުލަތެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ޓައިގަރު ޖަމާއަތް، ލަންކާ ސިފައިން ބަލިކުރީ 2009 ވަނަ އަހަރު އެވެ. އެހަނގުރާމައަށް ފަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރާޖަޕަކްސާ އާ ވާދަކުރެއްވި ކުރީގެ ޖެނެރަލް ޝަރަތު ފޮންސެކާގެ މައްޗަށް ސަރުކާރުން ގިނަ ދައުވާތަކެއް އުފުލުމަށް ފަހު އޭނާގެ ވަނީ ޖަލަށް ލާފަ އެވެ.

ސިރިސޭނާއާ އެކު ސަރުކާރުން ވަކިވެވަޑައިގެން ގިނަ ބޭފުޅުންތަކެއް ވަނީ އިދިކޮޅު މީހުންނާ ގުޅިވަޑައިގެންފަ އެވެ. އެބޭފުޅުން ވަކިވެވަޑައިގެންނެވުމުން ރާޖަޕަކްސާ އޭރު ވިދާޅުވެފައި ވަނީ އެ އެންމެ ބޭފުޅުންގެ "ފައިލްތައް ވެސް އެބަހުރި" ކަމަށެވެ.