08 Jan 2015, 16:32
ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަ ކުރުމަށް 50 އަށް ވުރެ ގިނަ ދިވެހީން ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ކޮމިޝަނަރު ވިދާޅުވީ ހަނގުރާމަކުރުމަށް ރާއްޖެއިން ބޭރަށްދާ އެފަދަ މީހުންގެ މައުލޫމާތު ހޯދުމަށް ކަމާ ގުޅޭ ފަރާތްތަކާ އިންޓެލިޖެންސް ގުޅިގެން ފުލުހުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ކޮމިޝަނަރު ވިދާޅުވީ ހަނގުރާމައަށް ދިޔުމަށް ރާއްޖެއިން ފުރައިގެން ދަނީ އާންމު އުސޫލުން ކަމަށްވުމާއެކު އެފަދަ މީހުން ފުރައިގެން ދިޔުމުގެ ކުރިން އެދަނީ ހަނގުރާމަކުރަން ކަނޑައަޅަން ފަސޭހައެއް ނޫން ކަމަށެވެ. އެހެންކަމުން އެއްވެސް މީހަކު ހަނގުރާމައަށްދާން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާނަމަ، އެމީހަކު ފުރުމުގެ ކުރިން އެ މައުލޫމާތު ފުލުހުންނަށް ހިއްސާކޮށްދިނުމަށް ކޮމިޝަނަރު ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
"ފުލުހުންނަށް ލިބޭ މައުލޫމާތުގެ މައްޗަށް ބަލައި އެފަދަ ބަޔަކު ފުރަން އުޅޭކަން އެނގޭނަމަ ހުއްޓުވުމުގެ މަސައްކަތްވެސް ކުރެވޭނެ ވާހަކަދަންނަވަން. ދާދިފަހުން ސްރީލަންކާ މަގުން އެފަދަ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ހަނގުރާމައަށްދާން މަސައްކަތްކުރި ބަޔަކު ސްރީލަންކާ ފުލުހުންގެ އެހީތެރިކަމާ އެކު ހޯދައި ވަނީ ރާއްޖެ ގެނެވިފައި،" ކޮމިޝަނަރު ވިދާޅުވިއެވެ.
ރާއްޖެއިން ބޭރަށް ހަނގުރާމައަށް ދިޔަ މީހުންގެ ތެރޭގައި މަޝްހޫރު ދީނީއިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމަށް ރާވައި އެކަމުގެ އަޑީގައި ހުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވާފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ. ހިލްޓަން އަޒްލިފް ރައޫފުވެސް ހިމެނެއެވެ. އަދި އޭގެއިތުރުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ ހޯދުމަށް ކުރާ މަސައްކަތުގައި ހައްޔަރުކޮށް ދޫކޮށްލާފައިވާ ބައެއް މީހުން ވެސް ހިމެނެއެވެ.