08 Jan 2015, 16:02
ވައްކަން ކުރިކަމަށް ބުނެ މީހަކާ މާރާމާރީ ހިންގަައި އެމީހާގެ ބޯފަޅާލި މައްސަލައިގައި، މާރާމާރީ ހިންގި ދެ މީހުންނާއި ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް ވިދާޅުވީ، ފިލިގަސްމަގުގައި ހުންނަ ތަނަކުން ވައްކަން ކުރި ކަމަށް ތުހުމަތުކުރެވޭ މީހަކާ މާރާމާރީ ހިންގައި އެމީހާ ޒަހަމްކޮށްލި މައްސަލައިގައި ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މާރާމާރީގެ ސަބަބުން ޒަހަމްވި، ވައްކަން ކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާއިރު އޭނާ ވަގަށްނެގިކަމަށް ބެލެވޭ ކަޓޯފް ހޯދައި އެ މައްސަލަވެސް ބަލަމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އިތުރު ތަފްސީލެއް ނުދެއްވައެވެ.
ފުލުހުން އިތުރަށް ބުނީ ފުލުހުން އެމައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.