ޒަކާތް ދައްކާ ފަރާތްތަކުގެ މައުލޫމާތާއި ޒަކާތް ދެއްކި މީހުންގެ އަދަދު ފަސޭހައިން ފެންނާނެ ގޮތަށް ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، މިދިޔަ އަހަރުވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު މުދަލުގެ ޒަކާތް ދެއްކި ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިތަނުގައި މި އަހަރު ސިސްޓަމެއް ގާއިމް ކުރެވިގެން ދާނެ ޒަކާތް ދައްކާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމަށްޓަކައި،" ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމް ވިދާޅުވީ، އެ ސިސްޓަމް ގާއިމް ކުރުމަށްޓަކައި އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކާ އެކު މިނިސްޓްރީ އިން ދަނީ ގިނަ މަަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި ހަމައެއާއެކު ޒަކާތާއި ބެހޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޒަކާތުގެ ސޮފްޓުވެއާ އެއް ގާއިމް ކުރުމުން އަޅުގަނޑުމެންނަށް އިނގޭނެ ޒަކާތް ދައްކާ ފަރާތްތަކާއި ދައްކާ އަދަދާއި އަހަރުން އަހަރަށް ރިޕޯޓުތައް ތައްޔާރުކުރުމާއި ހިސްޓްރީ ބެލެހެއްޓުމަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ، " މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ޒަކާތުގެ ކަންތައްތައް ހަރުދަނާކޮށް ހިންގެވުމަށް އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރަމުންދާ އިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމިގެން ދިޔައިރު ޒަކާތު ފަންޑަށް 52 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ބުނެފައި އެވެ.

ޝަހީމް ވިދާޅުވީ، މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުގައިވެސް ޒަކާތު ފަންޑަށް އެންމެ ގިނައިން ފައިސާ ލިބުނު އަހަރު ކަމަށެވެ.