ގއ. ދާންދޫ ކައުންސިލުގެ ރައީސްގެ އިތުބާރު ނެތް ކަމަށް، އެ ކައުންސިލުގެ މެންބަރުންގެ މެދުގައި ނެގި ވޯޓުގެ އަގުލަބިއްޔަތުން ފާސްކޮށް ރައީސް ކަމުގެ މަގާމުން، އިސްމާއިލް މުހައްމަދު މިއަދު ވަކިކޮށްފި އެވެ.

އެމްޑީޕީގެ އަގުލަބިއްޔަތު އޮއްނަ ދާންދޫ ކައުންސިލުގެ ރައީސް އިސްމާއިލް މުހައްމަދަކީ ވެސް އެމްޑީޕީގެ މެންބަރެކެވެ. ނަމަވެސް އެމްޑީޕީގެ ހުރިހާ މެންބަރުންވެސް ވަނީ ރައީސްގެ އިތުބާރު ނެއްކަމަށް ވޯޓު ދީފަ އެވެ. ދާންދޫ ކައުންސިލުގައި ހިމެނޭ ހަމައެކަނި ޕީޕީއެމްގެ މެންބަރު ވޯޓުގައި ބައިވެރިވެ ވަޑައިނުގަންނަވަ އެވެ.

މައްސަލަ ހުށަހެޅުއްވި ދާންދޫ ކައުންސިލުގެ ނައިބު ރައީސް އަދި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރު އިގްބާލް އަބްދުﷲ 'ސަން' އަށް ވިދާޅުވީ، ކައުންސިލުގެ ރައީސް މަގާމުން ވަކިކޮށްފައި ވަނީ ރައީސް ކަމުގެ މަސްއޫލިއްޔަތާއި، ވާޖިބު އަދާ ނުކުރެވޭތީ ކަމަށާއި، ސިޔާސީ މަގާމަކަށް ދާއިރު، މަސްއޫލިއްޔަތު އަދާ ނުކުރާ ނަމަ ވަކި ކުރެވޭނެ ކަން ދަންނަން ޖެހޭނެ ކަމަށެވެ.

ދާންދޫ ކައުންސިލުގެ ކުރީގެ ރައީސް އިސްމާއިލް މުހައްމަދު 'ސަން' އަށް ވިދާޅުވީ، މަސްއޫލިއްޔަތު އަދާ ނުކުރާކަމަށް ބުނެ، އެ ކައުންސިލުގެ ނައިބު ރައީސް، ހުށަހެޅުއްވި މައްސަލަ އަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، 11 މަސްދުވަހު ރައީސް ކަން އަދާ ކުރެއްވި އިރު، ކައުންސިލުގެ ހިންގާ ގަވާއިދާ ހިލާފުވެފައި ނުވާނެ ކަމަށެެވެ. އަދި ޒިންމާ އަދާނުކުރާ ކަމަށް ބުނެ ހުށަހެޅުއްވި މައްސަލަ އަކީ ހަގީގަތާ ހިލާފު މައްސަލަ އެއް ކަމަށްވެސް އިސްމާއިލް ވިދާޅުވި އެވެ.

ދާންދޫ ކައުންސިލުގެ ރައީސް އެ މަގާމުން ވަކިކޮށްފައި ވަނީ އެ ކައުންސިލުގެ ދެވަނަ ދައުރުގެ 44 ވަނަ އާންމު ޖަލްސާގަ އެވެ.