08 Jan 2015, 15:13
މޯލްޑިވްސް އިންލެންޑް ރެވެނިއު(މީރާ) މެދުވެރިކޮށް ދިވެހި ދައުލަތައް 11 ބިލިއަނަށް ވުރެ ގިނަ ރުފިޔާ މިދިޔަ އަހަރު ލިބިފައިވާ ކަމަށް މީރާގެ ތަފާސް ހިސާބްތަކުން ދައްކައިފި އެވެ.
މީރާ އިން މިއަދު އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މީރާ އަށް މިދިޔަ އަހަރު 11.47 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2013 ވަނަ އަހަރު ލިބުނު އަށް ބިލިއަން ރުފިޔާއަށް ވުރެ 2.4 ބިލިއަން އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ވަކިވަކި ދާއިރާތަކުން މީރާ އަށް ލިބުނު އާމްދަނީ އަށް ބަލާ އިރު ޖީއެސްޓީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ލިބިފައިވާ އިރު ލިބުނު އާމްދަނީގެ 38.9 ޕަސެންޓް ހިސާކުރެ އެވެ. މިދިޔަ އަހަރު އެއާޕޯޓް ސާވިސްޗާޖުގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ލިބިފައިވާ އިރު ވިޔަފާރި ފައިދާއިން ނެގޭ ޓެކުސްގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 1.3 ބިލިއަން ރުފިާ ލިބިފައިވާއިރު މިފާހަގަކޮށްލި ހުރިހާ ދާއިރާތަކުންވެސް ލިބުނު އާމްދަނީވަނީ 2013 ވަނަ އަހަރާއި އަޅާބަލާއިރު އިތުރުވެފަ އެވެ.
ދެހާސް ތޭރަ ވަނަ އަހަރާ އަޅާބަލާ އިރު އާމްދަނީ ދަށަށް ގޮސްފައިވާ ބައިތަކަށްބަލާ އިރު ޓޫރިޒަމް ޓެކުސް ވަނީ 56 މިލިއަން ރުފިޔާ ދަށަށް ގޮސްފަ އެވެ.
ވޭތުވެ ދިޔަ ޑިސެމްބަރު މަހަށް ބަލާއިރު 999.3 މިލިއަން ރުފިޔާ ވަނީ އާމްދަނީގެ ގޮތުގައި ލިބިފަ އެވެ. އެއީ 2013 ވަނަ އަހަރުގެ އެމަހާއި އަޅާބަލާއިރު 31.6 ޕަސެންޓް އިތުރުއަދަދެކެވެ. އަދިއެއީ ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީއަށްވުރެ 5.7 ޕަސެންޓް ދަށް އަދަދެކެވެ.
އާމްދަނީ އިތުރުވާން ދިމާވީ އެއް ސަބަބަކަށް ވެފައިވަނީ މުއާސަލާތީ ހިދުމަތުން ޓެކުސް ނަގަން ފެށުމެވެ. ޓީޖީއެސްޓީ ނަގާ މިންވަރު 12 ޕަސެންޓަށް ބޮޑުކުރުން ވެސް ހިމެނެ އެވެ.