08 Jan 2015, 15:09
މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމިގެން ދިޔަ އިރު ޒަކާތު ފަންޑަށް 52 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން މިއަދު ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް ޒަކާތު ފަންޑަށް އެންމެ ގިނައިން ފައިސާ ލިބުނު އަހަރު ކަމަށެވެ. އަދި އެކަން ކާމިޔާބު ކަމާ އެކު ދިޔައީ އިސްލާމިކް މިނިސްޓްރީ އަށް ގިނަ ބަޔަކު ކުރެއްވި އިތުބާރެއްގެ ސަބަބުން ކަމަށް ޝަހީމް ވިދާޅުވި އެވެ.
"މިއަހަރަކީ ޒަކާތު ފަންޑުގެ ތާރީހުގައި އެންމެ ގިނަ އަދަދަކަށް މާތްﷲ ގެ ހެޔޮ ރަހުމަތްފުޅުން ޒަކާތު ފަންޑަށް ފައިސާ ލިބިގެން ދިޔަ ފަހަރު. އަޅުގަނޑު ދެކޭ ގޮތުގައި ތާރީހީ މި މުހިއްމު އަދަދު މި ދިވެހި ލޮބުވެތި ރައްޔިތުން އިސްލާމީ ކަންތައްތަކާ ބެހޭ ސަރުކާރުގެ މި އިދާރާ އަށް ދެއްވި ވަރަށް ބޮޑު އިތުބާރަކާއި ޔަގީން ކަމެއް." ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ ޒަކާތު ފަންޑަށް އެހާ ބޮޑު އަދަދެއް ލިބިގެން ދިޔުމަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުވެފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މުދަލުން ޒަކާތް ނެރުމުން ގިނަ ބައެއްގެ ހިތްތަކަށް ހިތްހަމަ ޖެހުމެއް ލިބިގެންދާ ކަމަށެވެ.
"އެއް އަހަރުން އަނެއް އަހަރަށް ޒަކާތުގެ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން މިދަނީ އިދާރީ ގޮތުން އަޅަންޖެހޭ ރަނގަޅު ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުން. ޒަކާތުގެ ފައިސާ އަކީ ވަރަށް ހަރުދަނީ ގޮތުގައި ހަރަދު ކުރެވޭ ފައިސާ އެއް. " ޝަހީމް ވިދާޅުވި އެވެ.
ޒަކާތު ފަންޑުން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ތެލަސީމިއާ ކުދިން އެ ބަލިން ފަސޭހަ ކުރުމަށް އޮތް ހަމަ އެކަނި ގޮތް ކަމަށްވާ ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމަށް 34 ކުއްޖަކަށް އެހީތެރިވެދީފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ، ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން އެހީވާ ދަރިވަރުންނަށް އަންނަ މަހުގެ ތެރޭގައި ފައިސާ ހަވާލު ކުރާނެ ކަމަށެވެ. އަދި އެއް ފަހަރާ ހުރިހާ ކުދިންނަށް ފައިސާ ހަރަދުކުރަން ޖެހުނުކަމުގައިވީ ނަމަވެސް އެކަމުގެ ކުޅަދާނަކަން ފަންޑުގައި އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.