ސީރިއާގައި ހިނގަމުންދާ ހަނގުރާމައަށް އެންމެ ފަހުން ރާއްޖެ އިން ދިޔަ މީހުންގެ ތެރޭގައި އިމިގްރޭޝަންގެ ދެ އޮފިސަރަކު ވެސް ހިމެނޭ ކަމަށް 'ސަން'އަށް ކަށަވަރުވެއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެއް އަހަރު ނުވާ ކުޑަކުއްޖަކާ އަންހެނަކު ގޮވައިގެން ދިޔަ ގްރޫޕްގައި ހިމެނޭ އިމިގްރޭޝަންގެ ދެ އޮފިސަރުން ނަކީ އިބްރާހިމް ޝޮލާހު (ސޮލާ) އާއި ޝަބީބް (ސަބީނިއޯ) އެވެ. އެ ދެމީހުން ވެސް ވަނީ އެއާޕޯޓްގައި ހުންނަ އިމިގްރޭޝަންގެ ބައިގައި މަަސައްކަތްކޮށްފަ އެވެ. ނަމަވެސް އެ ދެ މީހުން ވެސް މާލެއަށް ބަދަލުކުރި އެވެ. އޭގެތެރެއިން ޝަބީން ބަދަލު ކުރީ ޕާސްޕޯޓް ދޫކުރާ ބަޔަށެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ހަސަން ހަލީލު މިއަދު 'ސަން' އަށް ވިދާޅުވީ، އެ ދެމީހުން ވެސް ތިބީ ޗުއްޓީއެއްގައި ކަމަށެވެ.

ތުރުކީ ބޯޑަރު ހުރަސްކޮށް މިދިޔަ މަހުގެ 27ގައި ތުރުކީ މަގުން ސީރިއާއަށް އެތެރެވި އެ ގްރޫޕްގެ މީހުން ހަނގުރާމަ ކުރާ އެއްވެސް ޖަމާއަތަކާ އަދި ގުޅުނު ކަމެއް އެނގިފައެއް ނުވެ އެވެ. ސީރިއާ ހަނގުރާމައިގައި ބައިވެރިވާން ކުރިން ދިޔަ ބައެއް ދިވެހީން ގުޅިފައި ވަނީ ޖަބުހަތުއް ނުސްރާ (އަލްގައިދާ އިން ދަ ލޭވެންޓް) ގްރޫޕާ އެވެ. އެ ގްރޫޕާ ގުޅިގެން ހަނގުރާމަ ކުރަމުން ދިޔަ ބައެއް މީހުން މަރުވިކަން އެ ގްރޫޕުގައި އުޅޭ ދިވެހިން ކުރިން ވަނީ ހާމަކޮށްފަ އެވެ. އެ މީހުން އެކަން ހާމަ ކުރީ އެ މީހުން ސޯޝަލް މީޑިއާ، ޓުވިޓާ އާއި ފޭސްބުކްގައި "ބިލާދުއް ޝާމް މީޑިއާ"ގެ ނަމުގައި ހިންގާ އެކައުންޓްތައް މެދުވެރިކޮށްގެންނެވެ.

ސީރިއާގެ ހަނގުރާމައަށް ދިޔަ މީހުންގެ ތެރޭގައި އިމިގްރޭޝަންގެ ދެ އޮފިސަރުން ހިމެނޭ އިރު ސެޕްޓެމްބަރު 29 2007ގައި، ސަލްޓަންޕާކް ބޮންގޮއްވާލި ޓޫރިސްޓުންތަކެއް ޒަހަމްވި މައްސަލައިގައި ހިމެނޭ ބަޔަކު ފުރުވާލުމުގައި ބައިވެރިވި އިމިގްރޭޝަންގެ އޮފިސަރެއްގެ މައްޗަށް ޝަރީއަތުގައި ކުށް ސާބިތުވެގެން އޭނާ ވަނީ ޖަލަށް ވެސް ލައިފަ އެވެ.

ސީރިއާއަށް ދިޔަ މީހުންނަކީ ކުޑަހެންވޭރު ގްރޫޕަށް ނިސްބަތްވާ ހަތް މީހުންނެވެ. އެމީހުންގެ ތެރޭގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ އަޑީގައި ހުރި ކަމަށް ތުހުމަތު ކުރާ ހ. ހިލްޓަން އަޒްލީފް ރައޫފު ވެސް ހިމެނެ އެވެ. އޭގެ އިތުރުން ޖިނާއީ ކުށްތަކުގެ ތުހުމަތު ކުރެވޭ ތިން މީހަކު ވެސް ހިމެނެ އެވެ. އެ މީހުންގެ ތެރޭގައި މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލުވާން "ގެއްލުވާލި" މައްސަލައިގައި ހައްޔަރުކޮށް، ދޫކޮށްލި މީހަކާއި ބަޔަކަށް ބިރުދައްކައި ފުރާނައަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދިނުމަށް ރާވައި ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ބަންދުން ވީއްލާފައި ހުރި މީހަކު ވެސް ހިމެނެ އެވެ. އަދި ނުރައްކާތެރި ކުށްވެރިން ކަމަށް ފުލުހުން އާންމު ކުރި ލިސްޓުގައި ހިމެނޭ މީހަކު ވެސް އެ މީހުންނާއެކު ބައިވެރިވެފައިވެ އެވެ.