ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި މިދިޔަ މަހާ އަޅައިބަލާއިރު މި މަހު ރާއްޖެ އެއް ދަރަޖަ ދަށަށް ޖެހިލާފައި ވީނަމަވެސް، ސާފް ސަރަހައްދަގެ އެއްވަނަ މަގާމް އަދިވެސް ހިފަހައްޓަމުން އަންނަނީ ރާއްޖެއިންނެވެ.

މިދިޔަ މަހުގައި ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގެ 130 ވަނައިގައި ރާއްޖެ އޮތްއިރު، މި މަހު ރާއްޖޭގެ ރޭންކިންގް ވަނީ 131 ވަނައަށް ވެއްޓިފައެވެ. އެއާއެކު ރާއްޖޭގެ ޒޯނަލް ރޭންކިންގް މިދިޔަ މަހުގެ 17 ވަނައިން މިމަހު 18 ވަނައަށް ވެއްޓިފައި ވާއިރު، ސާފް ސަރަހައްދަގެ އެއްވަނަ މަގާމް އަދިވެސް ހިފަހައްޓަމުން އަންނަނީ ރާއްޖެއިންނެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހު ފީފާ ރޭންކިންގައި ރާއްޖެ ވަނީ 12 ދަރަޖައިގެ ކުރިއެރުމެއް ހޯދައި، މި ސަރަހައްދުގެ އެއްވަނަ މަގާމުގައި އޮތް އަފްގާނިސްތާން ވައްޓާލާފައެވެ. އަދި އެ މަހު ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި އަފްގާނިސްތާން 10 ދަރަޖަ ދަށަށް ވެއްޓި ތާވަލްގެ 143 ވަނަ ޖެހިލިއިރު، މިމަހު އެ ގައުމު ވަނީ ތާވަލްގައި އެއް ދަރަޖައިގެ ކުރިއެރުމެއް ހޯދައި ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގެ 142 ވަނަ ހޯދާފައެވެ. އަދި ފީފާ ޒޯނަލް ރޭންކިންގައި މިހާރު އެ ގައުމު އޮތީ ތާވަލްގެ 22 ވަނައިގައެވެ.

މި ސަރަހައްދުގެ ރޭންކިންގައި ރާއްޖެއާއި އަފްގާނިސްތާނާ އެންމެ ގާތުން އަދިވެސް ވާދަކުރަނީ ބަންގްލަދޭޝް އެވެ. ނަމަވެސް އެ ގައުމަށް މިދިޔަ މަހާއި މި މަހާ އަޅާ ބަލާއިރު ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. މިދިޔަ މަހުވެސް ތާވަލްގެ 165 ވަނައިގައި އެ ގައުމު އޮތްއިރު، މިމަހުވެސް އެ ގައުމު އޮތީ 165 ވަނައިގައެވެ. އަދި ފީފާ ޒޯނަލް ރޭންކިންގައިވެސް އެ ގައުމު އޮތީ ހަމަ މިދިޔަ މަހެކޭ އެއްގޮތަށް 34 ވަނައިގައެވެ.

ފުޓްބޯޅައިގައި ރާއްޖެއާ އެންމެ ވާދަވެރި އެއް ގައުމު ކަމަށްވާ އިންޑިއާ އަށްވެސް މި މަހު ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި ކުރިއެރުމެއް ލިބިފައި ނުވާއިރު، އަވައްޓެރި ލަންކާއަށްވެސް އެ ތާވަލްގައި މިދިޔަ މަހުން މި މަހަށް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި އިންޑިއާ މިދިޔަ މަހާއި މި މަހުވެސް 171 ވަނައިގައި އޮތްއިރު، ލަންކާވެސް މިދިޔަ މަހާއި މިމަހު އޮތީ ތާވަލްގެ 172 ވަނައިގައެވެ. އަދި ފީފާ ޒޯނަލް ރޭންކިންގައި އެ ދެ ގައުމު އަދިވެސް އޮތީ 35 އަދި 36 ވަނައިގައެވެ.

ކޮންމެ މަހަކުވެސް ފީފާއިން އިއުލާނު ކުރާ ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގެ މިމަހުގެ ތާވަލް ފީފާއިން މިއަދު އިއުލާނު ކޮށްފައި ވާއިރު، ދެން އެ ތާވަލް އަޕްޑޭޓް ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ.