08 Jan 2015, 14:59
ޓީޗަރުންގެ މުސާރައިގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ސަރުކާރަށް ކުރެއްވި އިލްތިމާސް އަޑުއައްސަވައި، މުސާރައަށް ހެޔޮބަދަލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ޔާމިން އިއުލާނުކުރެއްވުމުން އެކަމާ އުފާކުރައް ވާކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
ޓީޗަރުންގެ މުސާރައިގެ ކުރިއެރުން ހަމަޖެއްސުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ޖުމްހޫރީ ޕާޓީން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، ޓީޗަރުންގެ މުސާރައިގެ މައްސަލައިގައި، އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުން މަޖިލީހުގެ އެތެރޭންނާއި ބޭރުން މަސައްކަތް ކުރައްވާފައި ވާ ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރަށް ކަނޑައެޅި ދައުލަތުގެ ބަޖެޓް ދިރާސާ ކުރި ކޮމިޓީގައިވެސް ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް މެންބަރުން ވަކާލާތު ކުރައްވާފައި ވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ސަރުކާރުން ޓީޗަރުންގެ މުސާރައަށް ގެންނަވާ ބަދަލުގައި، އެއްވެސް ޓީޗަރެއްގެ ހައްގު ނުގެއްލޭނެ ގޮތަށް، ތަފާތުކުރުމެއް ނެތި، ކުރިއަށް ދިއުމަށް ޖޭޕީގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ސަރުކާުރުން އެއްވެސް ޓީޗަރެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް އަމަލުކުރެއްވުމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.