ފްރާންސްގެ ވެރިރަށް ޕެރިހުގެ ރަށްބޭރު ސަރަހައްދެއްގައި މީހަކު ބަޑިން ހަމަލާއެއްގައި ފުލުހަކު މަރުވެ އިތުރު މީހަކު ޒަހަމްވެއްޖެ އެވެ.

ފްރާންސްގެ ދަ ލޯކަލް ނޫހުން ބުނީ އޮޓަމެޓިކް ރައިފަލަކުން ދިން އެ ހަމަލާގައި މަރުވި ފުލުސްމީހާ މަރުވީ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދެމުން އަންނަނިކޮށް ކަމަށެވެ. ހަމަލާދިން މީހާ ހައްޔަރު ކުރެވިފައިވާ ކަމަށް ކުރިން ހަބަރު ލިބުނަސް އެއީ ދޮގު ހަބަރެއްކަން މިހާރު އެނގިފައިވާ ކަމަށް ވެސް އެނޫހުން ބުންޏެވެ.

މިއަދުގެ ހަމަލާއަކީ ޗާލީ ހެބްޑޯ ނޫހަށް އިއްޔެ ދިން ހަމަލާއާ ގުޅުން ހުރި ކަމެއް ކަން ނުވަތަ ނޫންކަން އަދި ކަށަވަރު ނުވާ ކަމަށް ވެސް އެނޫހުން ބުންޏެވެ.

ޕެރިހުގައި މިއަދު ހިނގި އެހެން ހާދިސާއެއްގައި ފިހާރައެއްގެ ކައިރީގައި ވަނީ އެއްޗެއް ގޮވާފަ އެވެ. އެހާދިސާގައި އެއްވެސް މީހަކަށް ކަމެއް ނުވެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކާޓޫނު ކުރަހައި، މުސްލިމުންނަށް ފުރައްސާރަކުރަމުން އަންނަ ޗާލީ ހެބްޑޯ ނޫހަށް އިއްޔެ ދެމީހަކު ދިން ބަޑީގެ ހަމަލާގައި 12 މީހުން މަރުވި އެވެ. އެހަމަލާ ދިނީ ދެބެންކަން އެނގިފައިވާ އިރު އެމީހުން ހޯދަން ފްރާންސް ފުލުހުން އަދިވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.