08 Jan 2015, 14:48
މާލެއިން ބޭރަށް ގެންދިއުމަށް ގެންނަ މުދާ ކަނޑުމަގުން ކްލިއާކޮށް ހުޅުމާލެއަށް ގެންދިއުމުގެ އިންތިޒާމް އޭޕްރީލް މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
ސަންއަށް ދެއްވި އިންޓަވިއުއެއްގައި އެމްޕީއެލްގެ ޖެނެރަލް މެނޭޖަރު އޮޕަރޭޝަން ޑިވިޝަން މުހައްމަދު ހާޝިމް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މާލެއިން ބޭރަށް ގެންދާ މުދާތައް ބޯޓުން ބޭލުމަށްފަހު ބާޖުގައި ގެންދާނީ ސީދާ ހުޅުމާލޭ ޕޯޓަށް ކަމަށާއި އޭރުން މާލޭގެ ބަނދަރަށް ލުއިކަމެއް އަންނާނެ ކަމަށެވެ.
"ބޯޓުން މާލެއަށް ކުލިއާ ކުރާ އެއްޗެހި ބާލާނީ މިތަނަށް. އެހެން އެއްޗެހި ބާލާނީ ބާޖަކަށް. އޭގައި ކަނޑުމަގުން ގެންދާނީ ހުޅުމާލެއަށް،" ހާޝިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހުޅުމާލެ ޓާމިނަލްއަކީ ވަރަށް ބޮޑު އިންވެސްޓެއް ކޮށްފައި އޮތްތަނެއް ކަމަށްވާއިރު މިގޮތަށް ބަދަލުގެނައުމުން ހުޅުމާލެ ޕޯޓް ފުލް ފަންކްޝަން ތަނަކަށް ހެދޭނެ ކަމަށެވެ. އެކަންކުރަން ލަސްވެގެން އުޅެނީ އިކުއިޕްމަންޓު ނުލިބިގެން ކަމަށާއި މިހާރު ލަފާކުރެވޭ ގޮތުން އޭޕްރީލް ހިސާބުގައި އެމަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ.
އެއާއެކު މާލޭ ޕޯޓަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ފުނިޖެހުން ވަރަށް ބޮޑުތަން ހައްލުވެގެންދާނެ ކަމަށް ހާޝީމް ވިދާޅުވި އެވެ.
މިހާރު މުދާ ކްލިއާކުރެވޭ ގޮތަކީ މާލެއަށް ގެންނަ މުދާ، ލޮރީގައި މާލެ ތެރެއަށް ގެންދާއިރު މާލެއިން ބޭރަށް ގެންދާތަކެތި މާލޭ ޕޯޓަށް ބޭލުމަށްފަހު ދޯނިތަކަށް އަރުވަިއގެން ގެންދިއުމެވެ. އެކަމުގެ ސަބަބުން މާލޭ ޕޯޓް ވަނީ ބޮޑަށް ތޮއްޖެހިފައިކަމަށް އެމްޕީއެލްއިން ބުންޏެވެ.