08 Jan 2015, 14:45
"ކޮންމެ ދިވެއްސަކަށް މުސްހަފެއް" ހަދިޔާ ކުރުމުގެ މަޝްރޫއު އަށް އެސްޓީއޯ އިން 335،385 ރުފިޔާ ހަދިޔާކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އެހީއާ ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވީ އެ މަޝްރޫއު އަށް އެސްޓީއޯ އިން އެހީތެރިވެ ދިނުމަށް ނިންމީ އެސްޓީއޯގެ 50 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން އެސްޓީއޯގެ ކޮންމެ މުވައްޒުފަކަށާއި އަދި ކޮންމެ މުވައްޒިފެއްގެ އާއިލާގެ ދެ މެމްބަރަކަށް މުސްހަފް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެކެނީ މިއަށް ވުރެ ބޮޑު ހަދިޔާއެއް މިކަހަލަ ބޮޑު ހަފްލާއަކާ ދިމާކޮށް 50 އަހަރާ ދިމާކޮށް އެއްވެސް ފަރާތަކަށް ނުދެވޭނެ ކަމަށް. މިއަށް ވުރެއް ބޮޑު ހަދިޔާ އަކީ ކޮބައިތޯ..." އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުސްހަފް މަޝްރޫއުގެ ދަށުން އެސްޓީއޯ އިން 4350 މުސްހަފް ޗާޕު ކުރަން ނިންމާފައިވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ މުސްހަފް މަޝްރޫއު އަށް އެސްޓީއޯ އިން ވެދިން އެހީއަކީ ދެމި ހުރި ސަދަގާތެއް ކަމަށެވެ.
"މިކަމަކީ ދެމިހުރި ސަދަގާތަކަށް ވެގެންދާނެ ކަމެއް. އަދި ރާއްޖޭގެ ކުންފުނިތަކާއި އަދި އާންމު ރައްޔިތުން މިފަދަ ކަންތައްތަކުގައި އެހީތެރިވެދީ އެއްބާލުން ދިނުން އެއީ އަޅުގަނޑުމެންގެ ރާއްޖޭގައި އިސްލާމީ ވަހުދަތު ކުރިމަގުގައި ދެމެހެއްޓިގެން ދިއުމަށް އެޅިގެންދާނެ ވަރަށް މުހިއްމު ފިޔަވަޅުތަކެއް ކަމުގައި އަޅުގަނޑު ދެކެން." މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު 18 ކުންފުންޏަކުން ވަނީ އެ މަޝްރޫއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ޑރ. ޝަހީމް ވިދާޅުވީ އެ މިނިސްޓްރީގެ އަމާޒަކީ އަންނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރިން މުސްހަފްތައް ޗާޕްކޮށް ނިންމާލައި މުސްހަފްތައް ނެރުން ކަމަށެވެ.