ކޮޕަ ޑެލް ރޭ މުބާރާތުގައި އެންމެ ފަހުގެ ޗެންޕިއަން ރެއާލް މޭޑަރިޑާއި އެތުލެޓިކޯ މެޑްރިޑު ރޭ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއަކުން އެތުލެޓިކޯ ކާމިޔާބު ކޮށްފި އެވެ.

ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު އެ މެޗު ރަނގަޅު ފޯމެއްގައި ފެށީ ރެއާލުންނެވެ. މެޗުގެ ފުރަތަމަ މިނެޓުގައި އެތުލެޓިކޯގެ ގޯލަށް ރެއާލްގެ ސާޖިއޯ ރާމޯސް ނުރައްކަތެރި ހަމަލާއެއް ފޮނުވާލި އިރު، އެ ހަމަލާ ދިފާއު ކުރީ އެތުލެޓިކޯގެ ކީޕަރު އޮބްލަކް އެވެ.

މެޗުގެ ފުރަތަމަ ވަގުތު ކޮޅު ގޭމް ކޮންޓްރޯލް ކުރަމުން އައި ރެއާލުން މެޗުގެ 13 ވަނަ މިނެޓުގައި ވަނީ އެތުލެޓިކޯގެ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. ނަމަވެސް މެޗުގެ އޮފިޝަލުން ނިންމީ އެ ބޯޅަ ރެއާލްގެ ގެރެތް ބޭލް ފޮނުވާލީ އޮފްސައިޑުގައި ހުރެ ކަމަށެވެ. ބޭލްގެ އޮފްސައިޑް ލަނޑާއެކު އެތުލެޓިކޯ ވެސް ކުރިއަށް ޖެހިލައި ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއެވެ. ނަމަވެސް، ދެ ޓީމަށްވެސް ވަނީ މާ ނުރައްކާތެރި ހަމަލާތަކެއް އުފެއްދޭ ގޮތް ނުވެފައެވެ.

މެޗުގައި އެތުލެޓިކޯއިން ކާމިޔަބުކުރި ފުރަތަމަ ލަނޑު ފެނިގެން ދިޔައީ ދެވަނަ ހާފްގެ 58 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ރެއާލްގެ ރާމޯސް އެތުލެޓިކޯގެ ރާއުލް ގާސިއާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު އެ ޕެނަލްޓީ ކާމިޔާބު ކޮށް މެޗުގެ ލީޑް އެތުލެޓިކޯއަށް ހޯދަދިނީވެސް ގާސިއާ އެވެ.

އެތުލެޓިކޯގެ ލަނޑާއެކު ރެއާލުން ވަނީ އެ މެޗު ބެންޗުން ފެށި އެ ޓީމްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދަނޑަށް އަރުވާފައެވެ. ނަމަވެސް މެޗުގެ ނަތީޖާ އަނބުރާލާ ވަރުގެ ފުރުސަތެއް ރޮނާލްޑޯއަށްވެސް ވަނީ އުފެއްދޭ ގޮތް ނުވެފައެވެ.

މެޗުގައި ރެއާލަށް އިތުރު ދަތިކަމާ ކުރިމަތިލާން ޖެހުނީ ފަހު 15 މިނެޓުގައި އެތުލެޓިކޯ އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، މެޗުގައި އިތުރަށް ލީޑު ފުޅާ ކޮށްލުމުންނެވެ. އެ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި އެތްލެޓިކޯއަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ގިމެނޭޒް އެވެ.

މެޗުގެ ފަހު ވަގުތުކޮޅު އެތުލެޓިކޯ ފެނިގެން ދިޔައީ ޑިފެންސަށް އިސްކަން ދީ ފަހަތަށް ޖެހިލައިން ކުޅުނު ތަނެވެ. ފަހު ވަގުތުކޮޅު ރެއާލުން ނަތީޖާ އަނބުރާލެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެ ޓީމަށް ވަނީ އެތުލެޓިކޯގެ ގޯލަށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވޭގޮތް ނުވެފައެވެ.

އެ މެޗުގެ ނަތީޖާއާއެކު އާ އަހަރުގައި ރެއާލް އެ ޓީމްގެ ދެވަނަ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި ވާއިރު، އެ މުބާރާތުގައި އެ ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.