08 Jan 2015, 13:59
ބާވީސް މީހުންނާއެކު ގެއްލުނު ކަމަށް ރިޕޯޓުކޮށްފައިވާ، ގއ. ގެމަނަފުށީ މަސްދޯނި ފެނިއްޖެ އެވެ.
'ސަން'އަށް މައުލޫމާތު ދެއްވަމުން ގެމަނަފުށީ ކައުންސިލްގެ ޑިރެކްޓަރު މުހައްމަދު ޝިޔާމު ވިދާޅުވީ، ނޫރާނީ 6 ނަމަކަށް ކިޔާ މަސްދޯނި މިހާރު ފެނިފައި ވާ ކަމަށާއި، ފޯނަށް ރޭންޖް ނުލިބޭ ހިސާބެއްގައި މަސްބޭނުމަށް ހަރަކާތްތެރި ވުމުން ދޯންޏަށް ވީ ނުވީއެއް ނޭންގުނީ ކަމަށެވެ.
ލ. އަތޮޅާއި ހުވަދު އަތޮޅާ ދެމެދު ހިސާބެއްގައި މިހާރުވެސް މަސްވެރިކަމުގައި ހަރަކާތްތެރިވާ މި ދޯނީގެ ހުރިހާ މީހުންގެ ހާލުވެސް ރަނގަޅުކަމަށް ކައުންސިލްގެ ޑިރެކްޓަރު ވިދާޅުވި އެވެ.
"ދޯނި ހަމަ މަސްބޭނުމުގައި ހަރަކާތްތެރި ވަނީ. ރޭންޖް ނުލިބޭ ހިސާބުގައި އޮތީމަ ނުގުޅުނީ. މިހާރު ގުޅިއްޖެ. އަސްލު ހަބަރެއް ނުވެ އެހާ ގިނަ އިރު ވީމަ، އަނބިދަރިން އަދި އާއިލާ މީހުންވެސް ހާސްވާނެ،" ގެމަނަފުށީ ކައުންސްިލްގެ ޑިރެކްޓަރު ޝިޔާމް ވިދާޅުވި އެވެ.
އެމްއެންޑީއެފް ގެ ސްޕޯކްސް ޕާސަން ހުސައިން އަލީ މިއަދު 'ސަން' އަށް ވިދާޅުވީ، ގެއްލިގެން ހޯދަމުންދިޔަ ދޯންޏަށް މިހާރު ގުޅިފައި ވާކަމަށާއި، އިތުރު މައުލޫމާތު ސާފުކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ.