08 Jan 2015, 13:15
ސްރީލަންކާގައި މިއަދު ކުރިއަށްދާ އެ ގައުމުގެ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒެއްގެ ކައިރީގައި ބޮމެއް ގޮއްވާލައިފި އެވެ.
ސެންޓަ މޮނިޓަރިން އިލެކްޝަން ވަޔަލެންސް (ސީއެމްއީވީ)އާ ހަވާލާދީ ލަންކާގެ ޓައިމްސް އޮންލައިން ނޫހުން ބުނީ ޖަފްނާގައިވާ ވޯޓުލާ މަރުކަޒެއްގެ ކައިރީގައިވާ ފަޅު ގެއެއްގެ ތެރެއަށް މީހަކު އަތުބޮމެއް އެއްލި ކަމަށެވެ. ނަމަވެސް އެ ބޮން ގޮވުމުގެ ސަބަބުން އެއްވެސް މީހަކަށް ކަމެއް ނުވާ ކަމަށް ލަންކާ ފުލުހުންނާ ހަވާލާދީ އެނޫން ބުންޏެވެ. އަދި ބުނީ އެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ލަންކާގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ގިނަ ހަމަނުޖެހުންތަކެއް ހިނގާފައި ވާތީ އިންތިހާބު އޮންނަ ދުވަހު ހަމަނުޖެހުން ހިނގާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ. އެގޮތުން ހިނގާ ފާނެ ހަމަނުޖެހުމެއް ކޮންޓްރޯލް ކުރުމަށް އެގައުމުގެ ސަރުކާރުން ވަނީ 65000 ފުލުހުން މަގުތަކަށް ނެރެފަ އެވެ. ފުލުހުންގެ ތަރުޖަމާނު އަޖިތު ރޯހާނާ އިއްޔެ ވިދާޅުވެފައި ވަނީ ފުލުހުން މަގުތަކަށް ނެރެފައި ވާނީ ހަމަނުޖެހުން ހުއްޓުވަން ބާރުގެ ބޭނުންކުރުމުގެ އަމުރާ އެކުގައި ކަމަށެވެ.
"... އަހަރެމެން އެމީހުން ނެރެފައި ވާނީ އިންތިހާބުގެ ކަންކަމަށް ހުރަސް އަޅަން މަސައްކަތް ކުރާ ކޮންމެ މީހަކާ ދެކޮޅަށް އެކަށީގެންވާ ބާރު ބޭނުން ކުރުމުގެ އަމުރާ އެކު،" އޭނާ އިއްޔެ ވިދާޅުވެފައިވެ އެވެ.
ލަންކާގެ އިންތިހާބުގައި އެގައުމުގެ ރައީސް ރާޖަޕަކްސާއާއި އެންމެ ގާތުން ވާދަކުރައްވަނީ ކުރީގެ ހެލްތު މިނިސްޓަރު މައިތިރިޕާލާ ސިރިސޭނާއެވެ. ދެބޭފުޅުން ވެސް މިއަދު ވޯޓު ލެއްވުމަށް ފަހު ވިދާޅުވެފައި ވަނީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.