ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ދޫކުރާ ޓާޝިއަރީ ލޯނު ސުކީމްގެ ދަށުން މާތީ ތައުލީމު ހާސިލްކުރަން އަލަށް ފަށާ ދަރިވަރުންނަށް ލޯނަށް އެދި ފޯމު ހުށައެޅުމުގެ ފުރުސަތު އެ ޑިޕާޓްމަންޓުން ހުޅުވާ ލައިފި އެވެ.

ރާއްޖޭގައި ތިބެ ކިޔެވުމުގެ ފުރުސަތު 180 ދަރިވަރަކަށް އަދި ރާއްޖެ އިން ބޭރުގައި ކިޔެވުމުގެ ފުރުސަތު 80 ދަރިވަރަކަށް ލިބޭ ގޮތަށް ހުޅުވާލާފައިވާ އެ ފުރުސަތަށް އެދި ކުރިމަތިލުމަށް އެދޭ ފޯމު މިމަހުގެ 15ގެ ނިޔަލަށް ދޫކުރާނެ ކަމަށް ހަޔަ އެޑިޔުކޭޝަން ޑިޕާޓްމަންޓުން ބުންޏެވެ. އަދި ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހު 18 އިން 22 އަށް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ޑިޕްލޮމާ އަދި ޑިގްރީ އަށް ކިޔަވަން ފަށަން ބޭނުންވާ ކުދިންނަށް ދޫކުރާ މި ލޯނު ސުކީމަށް ތަފާތު ދާއިރާތަކުން ކިޔަވަން ބޭނުންވާ ކުދިންނަށް ލިބެ އެވެ. އޭގެ ތެރޭގައި ނާސިންގް، ބިޒްނަސް، ޑެންޓިސްޓްރީ އަދި ޑޮކްޓަރުކަން ފަދަ ދާއިރާތައް ހިމެނެ އެވެ. އަދި ގިނަ ދަރިވަރުންނަށް ލޯނު ދޫކުރަނީ ސިއްހީ ދާއިރާ އިން ތައުލީމު ހާސިލް ކުރުމަށް ވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.

ލޯނަށް ހުށަހަޅާ ދަރިވަރުންނަކީ ފުލްޓައިމް ބަޔަކަށް ވާން ޖެހޭ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. އަދި އެ ހަދާ ކޯހެއް، އެ ގައުމެއްގެ ލޯކަލް ކޯހަކަށް ވާން ޖެހުމުގެ އިތުރުން ލޯނަށް އެދި ހުށަހަޅާ ދަރިވަރުގެ އުމުރުން 18 އަހަރު ފުރިފައިވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.