ދިވެހި ޕްރިންސިޕަލެއް ހޯދައިދިނުމަށް ގޮވާލައި ނެއްލައިދޫ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަމުން އެބަދެ އެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލުގެ ރައީސް އަބްދުﷲ ފިކުރީ މިއަދު ވިދާޅުވީ، މިދިޔަ އަހަރު އެ ސްކޫލް ހިންގެވުމަށް ހުންނެވީ ބިދޭސީ ޕްރިންސިޕަލެއް ކަމަށާއި އޭނާގެ ކަންތައްތައް ހުރި ގޮތުން ބެލެނިވެރިން އޭނާ ބަހައްޓަން ބޭނުންނުވާ ކަމަށެވެ.

އެގޮތުން ދިވެހި ޕްރިންސިޕަލެއް ސްކޫލަށް ފޮނުވައި ދިނުމަށް ގޮވާލައި ސްކޫލުގެ ބެލެނިވެރިން އިއްޔެ އާއި މިއަދު ވެސް ސްކޫލް ކުރިމަތީގައި އަންނަނީ އިހްތިޖާޖު ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީ އިން އެ ސްކޫލަށް ދިވެހި ޕްރިންސިޕަލެއް ހަމަޖެއްސިކަން ލިޔުމަކުން އަންގައި އެ ލިޔުން ބެލެނިވެރިންނަށް ދައްކަންދެން ބެލެނިވެރިންގެ އިހްތިޖާޖު ކުރާނެ ކަމަށް ވެސް ފިކުރީ ވިދާޅުވި އެވެ.

"އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ހެނދުނު ވަނީ ދިވެހި ޕްރިންސިޕަލަކު ނެއްލައިދޫ ސްކޫލަށް ހަމަޖެހޭނެ ކަމަށް ބުނެ ލިޔުމެއް ފޮނުވާފައި. އަދި މިއަދުގެ ވަގުތެއްގައި އެ ސްކޫލަށް ހަމަޖައްސާ ޕްރިންސިޕަލުގެ މައުލޫމާތު ފޮނުވާނެ ކަމަށް ވަނީ ވިދާޅުވެފައި. ނަމަވެސް ބެލެނިވެރިން އެކަން ޔަގީންކުރަން ބޭނުންވޭ،" ނެއްލައިދޫ ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

ގްރޭޑް 1- 12 އަށް ކިޔަވައިދޭ ނެއްލައިދޫ ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލެކެވެ. އަދި ދިރާސީ އާ އަހަރަށް އެ ސްކޫލަށް 187 ދަރިވަރުން ވަދެފައިވެ އެވެ.