08 Jan 2015, 12:45
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި މެންޗެސްޓާ ޔުނައިޓެޑާ އެކު ތަމްރީނު ތަކުގައި ބައިވެރިވާންފެށި ބާސެލޯނާގެ ކުރީގެ ގޯލްކީޕަރު ވިކްޓާ ވަލްޑޭޒް، 18 މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑަށް ސޮއި ކުރަން އެއްބަސް ވެއްޖެ އެވެ.
ވަލްޑޭޒް ޔުނައިޓެޑަށް ސޮއި ކުރަން އެއްބަސްވިކަން އެ ކްލަބުން ކަށަވަރު ކޮށްދީފައި ވަނީ އިއްޔެ އެވެ. ވަލްޑޭޒް ޔުނައިޓެޑާއެކު ތަމްރީނު ކުރަން ފަށާފައި ވަނީ މިދިޔަ ސީޒަންގެ ފަހުކޮޅު އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެނެވެ. އޭގެ ކުރިން އޭނާ ވަނީ އެ ސީޒަން ނިންމާލުމަށްފަހު ބާސާއާ އެކީ ހަދާފައިވާ އޭނާގެ ކޮންޓްރެކްޓް ހަމަވުމުން އެނާ ބާސާ ދޫކޮށްލާނެ ކަމަށް ބުނެފައެވެ.
އުމުރުން 32 އަހަރުގެ ވަލްޑޭޒް ޔުނައިޓެޑަށް ސޮއި ކުރަން ނިންމިއިރު، ހަބަރުތައް ފެތުރިފައި ވާގޮތުގައި އެ ކްލަބުން އަންނަނީ އެ ކްލަބުގެ ދެވަނަ ކީޕަރު އެންޑާސް ލައިނެގާޑް ދޫކޮށްލަން ވިސްނަމުންނެވެ. 2011 ވަނަ އަހަރު ޔުނައިޓެޑަށް ސޮއިކުރި ލައިނެގާޑް މިހާތަނަށް އެ ޓީމަށް ކުޅެދީފައި ވަނީ އެންމެ 19 ޕްރިމިއާ ލީގު މެޗުގައެވެ.
ވަލްޑޭޒް ޔުނައިޓެޑަށް ގެންނަން ނިންމުމުން އެ ކްލަބުގެ ފުރަތަމަ ކީޕަރެއްގެ ގޮތުގައި ޑޭވިޑް ޑެހެއާ ހުންނާނެ ކަމާމެދުވެސް ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. މިދިޔަ ސީޒަންގައި ޔުނައިޓެޑްގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޑެހެއާ ވަނީ މި ސީޒަންގައި ޔުނައިޓެޑް ކުޅުނު ހުރިހާ މެޗެއްގައި އެ ޓީމްގެ ގޯލު ބަލަހައްޓަ ދީފައެވެ. ސީޒަންގެ ކުރީކޮޅު ޔުނައިޓެޑްގެ ނަސީބު އެހާ ރަނގަޅު ނޫން ކަމުގައި ވިނަމަވެސް، އެންމެ ފަހުން ކުޅުނު 13 މެޗުގައި ޔުނައިޓެޑްގެ ކޮޅަށް ވަދެފައި ވަނީ އެންމެ ހަތް ލަނޑެވެ.
ވޭތުވެދިޔަ 14 އަހަރު ބާސާއަށް ކުޅެދިން ވަލްޑޭޒް އޭނާގެ ސީނިއާ ކެރިއާ ފެށީ 2000 ވަނަ އަހަރު ބާސާގެ 'ސީ' ޓީމުންނެވެ. އަދި ހަމަ އެ އަހަރުން ފެށިގެން 2003 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ ބާސާގެ 'ބީ' ޓީމަށްވެސް ކުޅެފައެވެ. އަދި 2002 ވަނަ އަހަރުން، މިދިޔަ އަހަރާ ހަމައަށް ބާސާގެ ފުރަތަމަ އެގާރައަށް އޭނާ ކުޅެދީފައި ވާއިރު، އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ 387 މެޗުގައި އެ ޓީމްގެ ގޯލު ބަލަހައްޓަ ދީފައެވެ.