08 Jan 2015, 12:34
މަރުކަޒީ ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ގޯތިތެރޭގައި ގިނަ އަދަދެއްގެ ބުޅާ އުޅެމުންދާތީ އެކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ހިއްސާކުރި ބައެއް މީހުން ބުނި ގޮތުގައި އެ ހޮސްޕިޓަލްގައި ހިދުމަތްދޭ ކަންއުންޓަރުތަކުގައި މީހުން ނުތިބޭ ވަގުތުތަކުގައި ގިނައިން އެތަނުގައި ތިބެނީ ބުޅަލެވެ. އެގޮތުން އައިޖީއެމްއެޗް ހޮސްޕިޓަލްގެ ކައުންޓަރަށް ބުޅަލެއް އަރައި އިން މަންޒަރު ދަށްކުވައިދޭ ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގައި ވެސް އާންމުވެފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗް ހޮސްޕިޓަލްގެ ގޯތިތެރޭގައި ވެސް ގިނަ އަދަދެއްގެ ބުޅާ އުޅެ އެވެ. މިކަމުގެ ޝަކުވާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަނީ ހުށައަޅައިފަ އެވެ.

"ހަގީގަތުގައި ވަރަށް ބިރުގަނޭ ބުޅާދެކެ، އަނެއްކާ އެހާ ހަޑިއެއްޗެއް މިއުޅެނީ ސިއްހީ ހިދުމަތްދޭ ތަނެއްގައި، މިއީ ކިހާ ދެރަކަމެއް." އައިޖީއެމްއެޗް ހޮސްޕިޓަލްއިން ހިދުމަތް ހޯދުމަށް ގޮސްހުރި މީހަކު ބުންޏެވެ.
އެކަމާ ގުޅިގެން ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައިޖީއެމްއެޗް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބް ވިދާޅުވީ އެހޮސްޕިޓަލްގެ ގޯތި ތެރޭގައި ގިނަ އަދަދެއްގެ ބުޅާ އުޅެމުންދާ ވާހަކައަކީ ތެދެއް ކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިސަރަހައްދަކީ ގިނަ އަދަދެއްގެ މީދާ އުޅޭ ސަރަހައްދަކަށް ވުމުން ބުޅާ އުޅޭނެ ނޫންތޯ، އެގޮތުން ބުޅާ ވަރަށް ގިނަ،" ޒީނަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބުޅާ ގިނައިން އުޅެނީ އޯޕީޑީ ސަރަހައްދުގައި ކަމަށާއި އެ ހޮސްޕިޓަލްގައި މީހުން އެޑްމިޓް ކޮށްފައިވާ ސަރަހައްދުގައި ބުޅާ ނޫޅޭ ކަމަށެވެ.

ބުޅާ މަދުކުރުމަށް އެ މަސައްކަތް ބަޔަކާ ހަވާލުކުރަން މަސައްކަތް ކުރާ ކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ. ނަމަވެސް އެ މަސައްކަތް ހަވާލުކުރެވޭނެ ވަކި ދުވަހެއް ވިދާޅެއްނުވެ އެވެ.
ހޮސްޕިޓަލުގެ ތެރޭގައި ބުޅާ އާންމުވެފައިވާ އިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ "ފީލައިން ޕާވޯ" ވައިރަސް ނަމަކަށް ކިޔާ ވައިރަހެއްގެ ސަބަބުން ބުޅަލަށް ޖެހޭ ވައިރަލް ބައްޔެއް ކަމަށްވާ "ފީލައިން ޕެންލިއުކޮޕީނިއާ" ރާއްޖޭގައި ފެތުރެން ފަށާފައިވާކަން އިއުލާންކޮށް އެކަމަށް ސަމާލުވުމަށް އަންގާފަ އެވެ. ބުޅަލުގެ އެކިއެކި ވައިރަސްތަކުގެ ސަބަބުން އިންސާނުންނަށްވެސް ތަފާތު ބަލިތައް ޖެހެއެވެ.