ރާއްޖޭގެ އުތުރާއި ދެކުނުގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ސުކޫލެއް ގާއިމް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވެފައިވާ ރިޔާސީ ވައުދުގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫ ނޫރާނީ ސުކޫލު އަރަބި މީޑިއަމަށް ކިޔަވައިދޭ ސުކޫލަކަށް ބަދަލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރު މިއަދު 'ސަން' އަށް ވިދާޅުވީ ނޫރާނީ ސުކޫލުގައި މިއަހަރުގެ ކިޔެވުން ފެށިގެން ދާނީ އަރަބި މީޑިއަމަށް ކަމަށަވެ. އަދި މިހާރު އަރަބި މީޑިއަމަށް ކިޔަވައި ދިނުމަށް ބޭނުންވާނެ، ޓީޗަރުން ތަމްރީނު ކުރެވި، ފޮތްތަށް ވެސް ތައްޔާރުކޮށް ނިމިފައި ވާކަމަށް ނަޒީރު ވިދާޅުވި އެވެ.

"އާދިއްތަ ދުވަހު ނޫރާނީ ސުކޫލުގައި ކިޔެވުން ފެށިގެން ދާނީ އަރަބި މީޑިއަމަށް، އަރަބި މީޑިއަމަށް ކިޔަވައިދޭން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ނިމިފައ ހުރީ" ނަޒީރު ވިދާޅުވި އެވެ.

ހިތަދޫ ނޫރާނީ ސުކޫލުގައި އަރަބި މީޑިއަމަށް ކިޔަވައިދޭން ފަށާއިރު، އެ ސުކޫލުގައި މިއަހަރު އަރަބި މީޑިއަމަށް ކިޔަވާނީ ގްރޭޑް އެކަކަށް ވަން 32 ކުދިންނެވެ. މިއަހަރުން ފެށިގެން އެ ސުކޫލަށް ގްރޭޑް އެކަކަށް އަލަށް ވަންނަ ކޮންމެ ކުއްޖަކަށްވެސް ކިޔަވައި ދެވޭނީ އަރަބި މީޑިއަމަށް ކަމަށް ނަޒީރު ވިދާޅުވި އެވެ.

ހިތަދޫ ނޫރާނީ ސުކޫލު އަރަބި މީޑިއަމަށް ކިޔަވައިދޭ ގޮތަށް ބަދަލުކުރުމާ އެކު، ދިވެހި އިސްލާމާއި އިނގިރޭސި ފިޔަވައި ހުރިހާ މާއްދާއެއްވެސް ކިޔަވައިދޭނީ އަރަބިން ނެވެ.

ރާއްޖޭގެ ދެކުނުން އައްޑޫގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ސުކޫލެއް ގާއިމް ކުރި އިރު، އުތުރުން ކުޅުދުއްފުށީގައި 2017 ވަނަ އަހަރު އަރަބި މީޑިއަމަށް ކިޔަވައިދޭ ސުކޫލެއް ގާއިމް ކުރެވިގެން ދާނެ ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.