މުދާ ބޭލުމުގެ މަސައްކަތައް ދިމާވެފައިވާ މައްސަލަ މިހާރު ވަނީ ހައްލުކުރެވިފައި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖާ އޮޕަރޭޝަން ޑިވިޝަން މުހައްމަދު ހާޝިމް ވިދާޅުވީ މުދާ ކުލިއާކުރުމަށް ދިމާވި މައްސަލައަކީ އިކްވިޕްމަންޓުތަކަކަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ދިމާވި މައްސަލައެއް ކަމަށާއި އެކަން މިހާރު ހައްލުކޮށް މިއަދު އެކޮންޓެއިނާތައް ކުލިއާ ކުރުމަށް ގެނެވޭނެ ކަމަށެވެ.

ދުވާލަކު 130 ކޮންޓެއިނާ ކުލިއާކުރާ އިރު މިއަދު ހެނދުނު ކުލިއާކުރާ ސަރަހައްދަށް ކޮންޓެއިނާ ނުގެނެވުނީ އެޓެކްނިކަލް މައްސަލާގެ ސަބަބުން ކަމަށް ވިދާޅުވި އެވެ. އެޓެކްނިކަލް މައްސަލަ ދިމާވީ ރޭގައި ކަމަށް ވެސް ހާޝިމް ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކު ވެސް ކޮންޓެއިނާ ކުލިއާކުރުމަށް އަޅުގަނޑުމެންގެ ސުޓޯރޭޖް އޭރިއާ އިން ކުލިއަރިން އޭރިއާ އަށް ޝިފްޓުކުރަނީ، އެއީ ކުރިން ރިކުއެސްޓު ކޮށްގެން ކުރާކަމެއް،" ހާޝިމް ވިދާޅުވި އެވެ.

ހާޝިމް ވިދާޅުވީ ކޮންޓެއިނާ ކުލިއަރިން އޭރިއާ އަށް ކޮންޓެއިނާ ނުގެެނެވުމަށް ދިމާވީ ކޮންޓެއިނާ އުފުލަން ބޭނުންކުރާ އާރްޓީޖީ އަކަށާއި ރީޗް ސުޓެކާއަކަށް މައްސަލަ ދިމާވުން ކަމަށެވެ.

އޭނާ ވިދާޅުވީ އެއީ ބަނދަރުތަކުގައި ދިމާވާ މައްސަލައެއް ކަމަށާއި ހުރިހާ ވެސް ދައްޗަކީ ބަނދަރު ކުޑަވުން ކަަމަށެވެ.

އެކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް ގެއްލުމެއް ވާނެތޯ ސަން އިން ސުވާލުކުރުމުން ހާޝިމް ވިދާޅުވީ މުދާ ކުލިއާކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ އިރު އޭގެ ތެރެއިން އެއް ދުވަހު މައްސަލައެއް ދިމާވި ނަމަވެސް ވިޔަފާރިވެރިންނަށް ގެއްލުންތަކަކާއި ކުރިމަތިނުވާނެ ކަމަށާއި ދައްކަން ޖެހޭ ޖޫރިމަނާއެއް އޮތް ނަމަ އެކަން މާފްކޮށްދޭނެ ކަމަށެވެ.

މިއަދު ހެނދުނު މަޖޫރީތަކެއް ވަނީ އެމްޕީއެލްގެ ދޮރުމައްޗަށް އެއްވެ މުޒާހަރާކޮށްފަ އެވެ. ނަމަވެސް އެމުޒާހަރާ މިހާރު ވަނީ ހުއްޓާލާފަ އެވެ.