08 Jan 2015, 11:30
ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސާއާއި ކުރިން އޭނާގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި މައިތިރިޕާލަ ސިރިސޭނާ ވަރަށް ގާތުން ވާދަކުރައްވާ ރިޔާސީ އިންތިހާބުގައި ލަންކާ މީހުން މިއަދު ވޯޓުލަމުން އެބަދެ އެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ 15 މިލިޔަން މީހުން ތިބި ސްރީލަންކާގެ ވޯޓުލާ މަރުކަޒުތަކުގެ ކައިރީގައި ދިގު ކިއުތަކެއް ހަދައިގެން ގިނަ ބަޔަކު އެބަ ތިބި ކަމަށް އަލްޖަޒީރާ ބުންޏެވެ. އެޖެންސީން އަދި ބުނީ ވޯޓުލާން ގޮސް ތިބި ގިނަ ބަޔަކު ގިނަ ބަޔަކު ގޮވާލަމުން ދަނީ ބަދަލަކަށް ކަމަށެވެ.
"...އަހަރެންގެ ކާމިޔާބީ އޮތީ ލޮލަށް ފެންނަ ހިސާބުގައި. ހުރިހާ ތަނެއްގައި ވެސް ތާއީދު އޮތީ އަހަރެމެންނަށް. މާދަމާ އިން ފެށިގެން އަހަރެމެން ކުރިއަށް ގެންދާނީ ސިޔާސީ އާ ސަގާފަތެއް،" ވޯޓު ލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސިރިސޭނާ ވިދާޅުވި ކަމަށް އަލްޖަޒީރާގެ ހަބަރުގައިވެ އެވެ.
ކޮރަޕްޝަނާއި އާއިލީ ވެރިކަމުގެ ތުހުމަތު އެބޭފުޅެއްގެ އިސްތަށިފުޅުގައި އެޅިފައިވާ ރައީސް ރާޖަޕަކްސާ ވެސް ހުންނެވީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ބޮޑު ޔަގީންކަމަކާ އެކުގަ އެވެ.
"...އަހަރެމެންނަށް ބޮޑު ނަސްރެއް ލިބޭނެ. މިއީ ވަރަށް ސާފުކޮށް އެނގޭ ކަމެއް،" ވޯޓު ލެއްވުމަށް ފަހު ރާޖަޕަކްސާ ވިދާޅުވެފައިވެ އެވެ.
މިއަދުގެ އިންތިހާބުގައި އޭނާއާ އެންމެ ކައިރިން ވާދަކުރައްވާ ސިރިސޭނާއަކީ އިންތިހާބު އިއުލާން ކުރުމާ ހަމައަށް ހެލްތު މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
ރައީސް ރާޖަޕަކްސާގެ ރައީސް ކަމުގެ ދައުރު ނުނިމެނީސް އަވަސް އިންތިހާބެއް އޭނާ އިއުލާން ކުރެއްވީ ލަންކާގެ އަހުލީ ހަނގުރާމައިގެ ހަނދާންތައް މީހުންގެ ހިތްތަކުން ނުފިލަނީސް ވޯޓު ލައިފި ނަމަ ކާމިޔާބު ކުރައްވަން ފަސޭހަވާނެ ކަމަށް ބައްލަވައިގެން ކަމަށް މުހައްލިލުން ބުނެ އެވެ. ތަމަޅައިންނަށް ވަކި ދައުލަތެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ޓައިގަރު ޖަމާއަތް، ލަންކާ ސިފައިން ބަލިކުރީ 2009 ވަނަ އަހަރުއެވެ. އެހަނގުރާމައަށް ފަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރާޖަޕަކްސާ އާ ވާދަކުރެއްވި ކުރީގެ ޖެނެރަލް ޝަރަތު ފޮންސެކާގެ މައްޗަށް ސަރުކާރުން ގިނަ ދައުވާތަކެއް އުފުލުމަށް ފަހު އޭނާގެ ވަނީ ޖަލަށް ލާފަ އެވެ.
ސިރިސޭނާއާ އެކު ސަރުކާރުން ވަކިވެވަޑައިގެން ގިނަ ބޭފުޅުންތަކެއް ވަނީ އިދިކޮޅު މީހުންނާ ގުޅިވަޑައިގެންފަ އެވެ. އެބޭފުޅުން ވަކިވެވަޑައިގެންނެވުމުން ރާޖަޕަކްސާ އޭރު ވިދާޅުވެފައި ވަނީ އެ އެންމެ ބޭފުޅުންގެ "ފައިލްތައް ވެސް އެބަހުރި" ކަމަށެވެ.