08 Jan 2015, 11:25
ޒުވާން ސްޓްރައިކަރު ހަމްޒާ މުހައްމަދު (ހަމްޕު) ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއެކު ވެފައިވާ އެއްބަސްވުން އިތުރު ފަސް އަހަރު ދުވަހަށް އާކޮށްފި އެވެ.
ހަމްޕު ނިއުއާއެކު ވެފައިވާ އެއްބަސްވުން އާ ކޮށްފައި ވާކަން އެ ކްލަބުން ހާމަކޮށްފައި ވަނީ މިއަދު އެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ނިއުއާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރި ހަމްޕު އެ ކްލަބަށް މިދިޔަ އަހަރު ގެނެސްފައި ވަނީ އެ ކްލަބުގެ "ދެވަނަ ސެންޓޭ"ގެ ގޮތުގައެވެ.
މިދިޔަ އަހަރުގެ ޖެނުއަރީގައި ބ. އޭދަފުށިން ނިއުއަށް ގެނައި 19 އަހަރުގެ ހަމްޕު އެ ޓީމަށް ގެނެސްފައި ވަނީ ބޮޑު އުންމީދަކާއި އެކުގައެވެ.
ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވީ، ހަމްޕު އަކީ ނިއުއިން ކުރިމަގަށް ކުރި ބޮޑު އިންވެސްޓްމަންޓެއް ކަމަށާއި، އޭނާއާ މެދު ބޮޑު އުންމީދެއް ކުރައްވާ ކަމަށެވެ.
ހަމްޕު އެންމެ ފުރަތަމަ ނިއުއަށް ކުޅެދިނީ މިދިޔަ އަހަރުގެ ކުރީކޮޅު ބޭއްވި ޔޫތް ޗެންޕިއަންޝިޕްގައި ނިއު އާއި މާޒިޔާ ބައްދަލުކުރި މެޗެއްގައެވެ. އެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ހަމްޕުވަނީ އެ މެޗުގައި ނިއުއަށް ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އެ މެޗު 3-4 ގެ ނަތީޖާއަކުން ކާމިޔާބު ކުރީވެސް ނިއު އެވެ.
ޔޫތު ޗެންޕިއަންޝިޕަށް ފަހު ނިއުގެ އޭރުގެ ކޯޗް ޕެރޭޒް ގާސިއާވެސް ވަނީ ހަމްޕުގެ ކުޅުމުގެ ފެންވަރަށް ތައުރީފުކޮށް، އެ އަހަރު ނިއުގެ ސީނިއާ ޓީމުގެ ސްކޮޑުގައި އޭނާ ހިމަނާފައެވެ.