ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުން މިހާރު ކުރިއަށް ގެންދާ ގައުމީ އަންހެން ވޮލީބޯލް ޗެންޕިއަންޝިޕް 2014ގެ ފައިނަލްގެ ފުރަތަމަ ޖާގަ ނައިފަރު ޖުވެނައިލް ހޯދައިފިއެވެ.

އެ މުބާރާތުގެ ފައިނަލުން ނައިފަރު ޖުވެނައިލް ޖާގަ ހޯދީ ރޭ ކުޅުނު ދެވަނަ ސެމީފައިނަލް މެޗުގައި ޕޮލިސް ކްލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ސެޓުތައް ނައިފަރު ޖުވެނައިލުން ކާމިޔާބު ކުރީ 18-25 އާއި 25-27 އަދި 26-28 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ ވާސަނާ މަދުމަލީ އެވެ.

މުބާރާތުގެ ފުރަތަމަ ސެމީ އިއްޔެ ހަވީރު ކުޅެފައި ވާއިރު، އެ މެޗުގައި ބައްދަލުކުރީ ކްލަބް އިމިގްރޭޝަނާއި އިފްތިތާހު އިސްދަރިވަރުންގެ ޖަމިއްޔާ އެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ކްލަބް އިމިގްރޭޝަނެވެ. މެޗުގެ ސެޓުތައް އިމިގްރޭޝަނުން ފަސޭހަ ކަމާއެކު ކާމިޔާބު ކުރީ 5-25 އާއި 10-25 އަދި 9-25 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލަބް އިމިގްރޭޝަންގެ ތަރޫ އައްނިކާ އެވެ.

އިއްޔެގެ މެޗުތަކުގެ ނަތީޖާއާއެކު ނައިފަރު ޖުވެނައިލް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި ވާއިރު، އެ މެޗުގައި އެ ޓީމާ ދެކޮޅަށް ވާދަކުރާނެ ޓީމެއް ކަށަވަރު ވާނީ މިއަދު ހަވީރު ކުޅެން ހަމަޖެހިފައިވާ ތިންވަނަ ސެމީފައިނަލް މެޗު ނިމުމުންނެވެ. އެ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ މުބާރާތުގެ ފުރަތަމަ ސެމީން މޮޅުވި ކްލަބް އިމިގްރޭޝަނާއި ދެވަނަ ސެމީން ބަލިވި ޕޮލިސް ކްލަބެވެ. އަދި އިފްތިތާހު އިސްދަރިވަރުންގެ ޖަމިއްޔާ އެ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެ، މިހާރު އެ ޓީމް ވަނީ މުބާރާތުން ކަޓާފައެވެ.

ހަތަރު ޓީމާއެކު މިމަހުގެ ހަތަރެއްގައި ފެށި 2014 ވަނަ އަހަރުގެ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ އެއް ރައުންޑް ކުޅުމަށް ފަހު ތިން ސެމީ ކުޅޭ ގޮތަށެވެ. އަދި އެ މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މަދަމާ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.