ރާއްޖެއަށް ގަވާއިދާ ޚިލާފަށް އެތެރެކުރާ، ރާއްޖޭގެ މާހައުލަށް ބީރަށްޓެހި ބާވަތްތައް (އޭލިއަން ސްޕީޝިސް)ގެ ސަބަބުން ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ތާރިޤު އިބުރާހީމް ވިދާޅުވެއްޖެއެވެ.

ބީރަށްޓެހި ބާވަތްތައް އެތެކުރުން ކޮންޓްރޯލް ކުރުމަށް ކަމާ ބެހޭ ދާއިރާތަކުގެ މެދުގައި މަޝްވަރާކޮށް ގޮތްތަކެއް ކަނޑައެޅުމަށް ޝީބިލްޑިންގްގައި މިއަދު ފެށި މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެފަދަ ތަކެތި އެތެރެކުރުމުން ކުރިމަތިވާ އެއް މައްސަލައަކީ ރާއްޖޭގައި އުޅޭ ބާވަތްތަކަށް ގެއްލުން ވުން ކަމަށެވެ.

"... ވަރަށް ގިނަ ވައްތަރުވައްތަރުގެ އޭލިއަން ސްޕީޝިސް ރާއްޖެއަށް އެތެރެކުރަމުން އެބަދޭ. އެތެރެކޮށްފައި، އޭގެ ހަމަ ނޭދެވޭ އަސަރުތައް ވެސް މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަ ހިނގަމުންދޭ. ދެން މީގެ އެއް ނޭދެވޭ އަސަރަކީ އޭލިއަން ސްޕީޝިސް ރާއްޖެއަށް އެތެރެކުރާރި އިރު މިހާރު ރާއްޖޭގައި ހުރި ސްޕީޝިސްއަށް މީގެ މީގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއްވެ، އަދި އަޅުގަނޑުމެން ރާއްޖޭގައި ހުރި ސްޕީޝިސްތައް ނެތެމުން އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ބަލިތައް ފެތުރުމަކީ ވެސް އެފަދަ ބާވަތްތަކުގެ ސަބަބުން ލިބޭ ގެއްލުމެއް ކަމަށެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރް ޖެނެރަލް މުހައްމަދު ޒާހިރު (މީމުޒަވިޔަނި) ވިދާޅުވީ ބީރަށްޓެހި ބާވަތްތަކުގެ މައްސަލަ މިހާރު އޮތް ހިސާބަށް ދިޔައީ އެންމެންގެ ވެސް އިހުމާލުން ކަމަށާއި އެކަން ގަބޫލުކުރައްވާ ކަމަށެވެ.

ބީރަށްޓެހި ބާވަތްތަކުން ރާއްޖެއަށް ލިބޭ ގެއްލުންތަކާއި ބެހޭ ގޮތުން އޭނާ ވަރަށް ތަފުސީލުކޮށް ވާހަކަ ދެއްކެވިއެވެ. އަދި އެގޮތުން ލިބޭ ގެއްލުންތަކުގެ ބައެއް މިސާލުތައް ޒާހިރު ދެއްކެވިއެވެ. އެގޮތުން މިނިސްޓަރު ނެންގެވި އެއް މިސާލަކީ ރާއްޖޭގައި މިހާރު ހައްދަމުން އަންނަ،ކަށިކޭލުގެ ބާވަތެކެވެ.

"...އަޅުގަނޑުމެން ޒަމާނުއްސުރެ ދެކެމުން އައީ ވަލުގައި ހެދޭ ، ނޫނިއްޔާ ރާއްޖޭގައި ހެދޭ ތިން ބާވަތެއްގެ ކަށިކެޔޮ ގެންގުޅޭ ތަން. އެއީ މެދުކަށިކޭލާއި މާކަށިކޭލާއި އަޅުގަނޑުމެން މިކިޔާ ބޯކަށިކެޔޮ. މިހާރު ތިޔަބޭފުޅުން ވަޑައިގެން ބައްލަވާލައްވައިފިއްޔާ މިބާވަތްތައް ފެންނާނީ މަދުން. އޭގެ ބަދަލުގައި ރީނދޫކުލައިގައި ހުންނަ ކަށިކޭލަކާއި ފެހި ކުލައިގައި ހުންނަ ކަށިކޭލަކާއި ، ފިޔާތޮށި ކުލައިގައި ހުންނަ ކަށިކޭލެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ބީރަށްޓެހި ބާވަތްތައް ރާއްޖެއަށް އެތެރުވުން ކޮންޓްރޯލް ކުރުމަށް ކަމާ ބެހޭ އެކި އެޖެންސީތަކުން ހަދާފައިވާ ގަވައިދުތަކަކީ ކޮބައިތޯ، އަދި އެގޮތުން އެއް އެޖެންސީއާއި އަނެއް އެޖެންސީއާ ފުށު އަރާ ކަންތައްތަކަކީ ކޮބައިތޯ ބެލުމަށް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރާނެއެވެ. އަދި އެކަމުގައި މަސައްކަތް ކުރާނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކޮށް އެއްބަސްވުމަކަށް އައުމަކީ ވެސް ބައްދަލުވުމުގެ އެއް ބޭނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.