08 Jan 2015, 10:52
ބަދަން ސާވް ކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ކޮރެއަން އެއާލައިން ފުރުން ލަސްކުރަން ޖެހުނު މައްސަލާގައި އެ އެއާލައިންގެ ކުރީގެ އެގްޒެކެޓިވްގެ މައްޗަށް ދައުވާ ކުރުމަށް ނިންމައިފި އެވެ.
ނިއުޔޯކްގެ ޖޯން އޮފް ކެނެޑީ އެއާޕޯޓުން ފުރަން އޮތް ކޮރެއަން އެއާލައިންގެ މަތިންދާ ބޯޓު މިދިޔަ މަހު، ފުރުން ލަސްވީ އެ ފްލައިޓުން ދަތުރު ކުރި ޗައު ހުއުން އަށް، ތަށީގެ ބަދަލުގައި ޕެކެޓްގައި ބަދަން ސާވް ކުރި މައްސަލައިގަ އެވެ.
އޭނާގެ މައްޗަށް ވަނީ ހަތަރު ދައުވާއެއް އުފުލައިފަ އެވެ. އެއީ އޭވިއޭޝަން ގާނޫނާ ހިލާފުވި މައްސަލަ އާއި މައްސަލައް އޮއްބާލުމަށް މަސައްކަތް ކުރި ކަމުގެ ދައުވާ އެވެ.
ގާނޫނީ ވަކީލުން ބުނަނީ އޭނާގެ މައްޗަށް އެ މައްސަލަތައް ސާބިތުވެއްޖެ ނަމަ މަދުވެގެން 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ.
މިދިޔަ މަހު 30 އިން ފެށިގެން ބަންދުގައި ހުރި ޗައުގެ މައްޗަށް، އޭނާއާ ދެކޮޅަަށް ކުރާ ދައުވާގެ ހެކި ނައްތާލުމަށް މަސައްކަތް ކުރުމުގެ ތުހުމަތާއި މައްސަލަ އޮއްބާލުމަށް މަސައްކަތް ކުރުމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް އިއްޔެ ވަނީ އުފުލައިފަ އެވެ.
ފަސްޓް ކްލާސް އިން ދަތުރު ކުރި ޗައު އަށް ޕެކެޓްގައި ނަޓް ސާވްކުރި މައްސަލާގައި ބޯޓު އަލުން ޑިޕާޗާ ގޭޓާ ކައިރި ކުރުވައި ޗީފް ސްޓާވަޑް ވަނީ ބާލުވައިފަ އެވެ. އެކަމުގެ ސަބަބުން އެ ބޯޓަށް ކޮރެއާގެ ސޯލަށް އާދެވުނީ ކުރިން ޖައްސަން އޮތް ގަޑިއަށްވުރެ 11 މިނިޓް ފަހުންނެވެ.
އެ މައްސަލަ އަށް ފަހު ޗައު ވަނީ މައާފަށް އެދިފަ އެވެ. އަދި އެއާ އެކު އޭނާ އަދާ ކުރި ހުރިހާ މަގާމަކުން އިސްތިއުފާދީފަ އެވެ. އޭގެ ތެރޭގައި އެއާލައިންގެ ވަޒީފާގެ އިތުރަށް "ޕޭރަންޓް" ކޮމެޕެނީގައި އޭނާ އަދާކުރި ވަޒީފާތައް ހިމެނެ އެވެ.
އެ މައްސަލަ އަށް ފަހު ކޮރެއަން އެއާލައިންގެ ޗެއާމަން އަދި ޗައު ހުއުންގެ ބައްޕަ، ޗައު ޔަން ހޯ ވަނީ އޭނާގެ ދަރިފުޅުގެ "މޮޔަ އެކްޓް"ގެ ސަބަބުން ރައްޔިތުންގެ ކިބައިން މައާފަށް އެދިފަ އެވެ.
'
ޗައު ޔަން ހޯގެ އާއިލާއަކީ ސައުތު ކޮރެއާގައި މުއްސަނދި އަދި އެެންމެ ނުފޫޒު ގަދަ އާއިލާތަކުގެ ތެރޭގައި ހިމެނޭ އާއިލާ އެކެވެ.
މައުލޫމާތު: ބީބީސީ