މަސާޖުޕާލާއަކަށްވަދެ އެތަނުގައި ހުރި މީހަކަށް ވަޅިން ހަމަލާދިން މީހަކު ހަތަރު އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ގ. ކަންނެލި މުހައްމަދު ޝަމްއާން އިބްރާހީމް ޚާލިދުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ "އަސްޕަރަގަސް ބިއުޓީކެއާ" ހިންގި އިމާރާތައް އިތުރު ބަޔަކާ އެކު 2012 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ރޭ 8:52 އެހައިކަންހާއިރު ވަދެ އެތަނުގައި ހުރި މީހަކަށް ވަޅިން ހަމަލާދީފައިވާތީ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ އެތަނުގެ ތެރެއަށް ވަދެ އެތަނުގައި ތިބި މީހުންގެ ތެރެއިން ސ. މަރަދޫ އެވާބްލޫ މުހައްމަދު ނާފިއުއަށް ވަޅިން ބިރުދައްކައި، އޭނާގެ ވޮލެޓާއި ފޯނު ދިނުމަށް ބުނުމުން ނާފިއު އެކަމަށް އިންކާރުކޮށްފައިވާތީ އޭނާގެ ފަޔަށް ވަޅިން ހަމަލާދީފައިވާކަން ހެކީންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ބަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ.

އެ ދައުވާގެ އިތުރުން ތޫނުއެއްޗެއް ބޭނުންކޮށްގެން މީހުން ދިރިއުޅޭތަނަކުން ޖަމާއަތްހަދައިގެން ފޭރުމުގެ ކުށުގެ ދައުވާ އާއި ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން އުފުލިއެވެ. އެހެންނަމަވެސް ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނެފައިވާ މިންވަރަށް ހެކި ލިބިފައިނުވާތީ އެ ދެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.