ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ދެ ދުވަހަށް ވީއެވެ. ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް އެކަކުން ތިނަކަށް، އަންނަ އަހަރު ގައުމީ އާ މަންހަޖެއް ތައާރަފްކުރާއިރު، އެ މަންހަޖުގެ ދަށުން ބޭނުންކުރާ ބައެއް ފޮތްތައް އަދިވެސް ޕްރިންޓެއް ނުވެއެވެ. ޕްރިންޓް ކޮށްފައި ހުރި ފޮތްތައް އެހާމެ ތުންޏެވެ. މިއީ މިދުވަސްވަރު "ބޯ ގާނަމުންދާ" ބެލެނިވެރިންނަށް އޮތް އިތުރު ކަންބޮޑުވުމެކެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނާގޮތުން، ކެބްރިޖާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާ ގުޅިގެން ގައުމީ އާ މަންހަޖަށް ތައްޔާރުކުރި ދަރިވަރުންގެ ޓެކްސްޓް ފޮތްތަކާއި ޓީޗަރުންގެ ގައިޑްތައް މިހާރު ވަނީ ޕްރިންޓް ކޮށް ނިމި، ހަވާލުކުރެވިފައެވެ. ޕްރިންޓް ނުކުރެވި ހުރީ ރާއްޖޭގެ ފަރާތްތަކާ ހަވާލުކޮށްގެން ތައްޔާރުކުރާ އަދި ރިވިއު ކުރަމުންދާ އިސްލާމާއި ދިވެހި އަދި ޤުރުއާން މާއްދާތަކުގެ ޓެކްސްޓް ފޮތްތަކެވެ.

ޓެކްސްޓް ފޮތްތަކުގެ މައްސަލައިގައި ތައުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ނުނިމި ހުރި މާއްދާތަކުގެ ފުރަތަމަ ދެ ބައި އެ ވުޒާރާގެ ވެބްސައިޓަށް އަޕްލޯޑްކޮށް، ސްކޫލްތައް މެދުވެރިކޮށް އެ ފިލާވަޅުތައް ދަރިވަރުންނަށާއި ޓީޗަރުންނަށް ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޕްރިންޓް ކުރުމަށްދާ ހަރަދު އެ ވުޒާރާއިން ސްކޫލްތަކަށް ދޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ދެން އޮތީ އަޖުމަ ބެލުމުގެ ގޮތުން މިހާރު ދީފައިވާ ފޮތްތައް ތުނިވުމުގެ މައްސަލައެވެ. ތައުލީމީ ވުޒާރާއިން ބުނާގޮތުން އެގޮތަށް ހަމަޖެއްސީ ދަރިވަރުންނަށް ލުއި ފޮތްތަކެއް ހަމަޖައްސައިދިނުމަށެވެ. ބެލެނިވެރިންނަށް ފަސޭހަ ކޮށްދިނުމަށެވެ. އެކަމާ ބެލެނިވެރިން ހިތްހަމަޖެހެ އެވެ.

ނަމަވެސް ބެލެނިވެރިންގެ ކަންބޮޑުވުން ހުރީ އެހެން ކަމަކަށެވެ. ކުޑަކުދިން ތަކެއްގެ އަތަށް އެ ފޮތްތައް ދިނުމުން އަވަހަށް ހަލާކުވެދާނެތީ އެކަމުގެ ޝަކުވާ އެވެ. އެފޮތްތައް ތުނިވުމުން ކިޔަވައިދޭ ބައިތައް މަދުވި ކަމަށް ހީކޮށް އުފައްދާ ސުވާލުތަކެކެވެ.

"ގްރޭޑް އެކެއް ދޭއް ތިނެއްގައި މިއުޅެނީ ވަރަށް ތުއްތު ކުދިން. މަންހަޖު ތައްޔާރުކުރަމުންދިޔަ އިރުގައި ވަރަށް ފާޑުކިޔުންތައް އައީ. ބޮޑެތި ފޮތްތަކޭ ހުންނަނީ އެކުދިންނަކަށް އެޔެއް ނުއެއް އުފުލެޔޭ. ބެލެނިވެރިންނަށް ހީފުޅުވަނީ ކުރިންދޭ ފޮތްތައް މުޅި އަހަރަށް ބޭނުންކުރާތީ މިހާރު މިދޫކުރި ފޮތް ވެސް އެގޮތަށް ކަމަށް. ނަމަވެސް އެއީ މުޅި އަހަރަށް ދޫކުރާ ފޮތްތަކެއް ނޫން. ފޮތްތައް ދޫކުރާނީ ކިޔަވަންޖެހޭ ބައިތަކަށް ބަހާލައިގެން ޗެޕްޓާ އަކަށްފަހު ޗެޕްޓާއެއް،" ސްޓޭޓް މިނިސްޓަރު ޝަރީފް ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގެ އެންމެ މުހިއްމު އެއް ބަޔަކީ ބެލެނިވެރީންކަން ތައުލީމާބެހޭ ވުޒާރާއިން ގަބޫލު ކުރެއެވެ. އެގޮތުން އާ މަންހަޖުގެ ދަށުން ބޭނުންކުރާނެ ޓެކްސްޓް ފޮތްތަކާމެދު ބެލެނިވެރިންގެ ފަރާތުން ލިބެމުން އަންނަ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގައި އެފަރާތްތަކުގެ ހިޔާލު ހޯދައި ގިނަ ބެލެނިވެރީން ބޭނުންވާ ގޮތަކަށް އެކަމަށް ހައްލެއް ގެންނާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި "އެކަން ލަހެއް ނުކުރާނެ" ކަމަށާއި ސްކޫލު ހުޅުވި ދެ ހަފްތާތެރޭ ބެލެނިވެރީންނާ ބައްދަލުކުރާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

"ބެލެނިވެރީންނަށް މި ކޮންސެޕްޓް އެހާ ރަނގަޅުކަމަކަށް ގަބޫލެއް ނުކުރެވޭ. ޕެކޭޖްގޮތަށް އައިމަ އެބޭފުޅުންނަށް ހީވެލައްވަނީ ވަރަށް މަދު ބައިތަކެކޭ ކިޔަވައިދެނީ. އެ ކޮންސެޕްޓް ނުހިނގައިފި ނަމަ އަޅުނގަޑުމެން ޖެހޭނީ ކޮމްޕައިލްކޮށްފައި އެއްފޮތެއްގެ ގޮތުގަ ޓެކްސްޓްފޮތްތައް ގެންނަން،" ސްޓޭޓް މިނިސްޓަރު ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން، ފޮތްތަކުގެ 'ކަވަރ ޕޭޖް' ތަންކޮޅެއް ތުނިވުމުގެ ކަންބޮޑުވުންތައް އެބައުޅޭ ކަމަށާއި ކުރިއަށް އޮތްތަނުގައި ބެލެނިވެރިންނާ މަޝްވަރާކޮށްގެން އެކަންތައްތައް ވެސް ރަނގަޅު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، އެ ފޮތްތައް ގެއަށް ގެންދިއުމުގެ ބަދަލުގައި ސްކޫލުތަކުގައި އެ ފޮތްތައް ބެހެއްޓުމަށް އެ ވުޒާރާއިން މަސައްކަތްކުރި ކަމަށެވެ. ނަމަވެސް ބައެއް ސްކޫލްތަކުގެ ހާލަތު ހުރިގޮތުން އެކަން ނުވީ ކަމަށާއި މިހާރުވެސް ފޮތްތައް ބަހައްޓާ ސްކޫލްތަކުގައި އެކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްކޫލްތަކުގައި ފޮތްތައް ބަހައްޓަން ބަލާއިރު، ބައެއް ސްކޫލްތަކަކީ ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތައްކަމުން ފޮތްތައް ސްކޫލުގައި ބަހައްޓަން އުދަނގޫވާނެ. އެގޮތަށް ބެހެއްޓޭ ސްކޫލްތަކުގައި ފޮތްތައް ބެހެއްޓުމަށް ނިންމާނީ ސްކޫލްތަކުގެ އިސް ވެރިން،" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.