08 Jan 2015, 10:24
ޕްރައިވެޓް އޮފީހެއްގެ ދޮރުގެ ތަޅު ހަލާކުކޮށްލި މީހަކު ހަތަރު މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މަލޭ މިނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 856 މުހައްމަދު ޔާމީންގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ހަވީރު 5:40 އެހައިކަންހާއިރު ހ. އަސްފާމްގޭގައި ހުންނަ "ސީ އެކްޕޯލޯރާސް އެސޯސިއޭޓް ޕްރައިވެޓް ލިމިޓެޑް"ގެ އޮފީހުގެ ތަޅު ހަލާކުކޮށްލާފައިވާކަން އޭނާގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
މިއީ ޔާމީންގެ މައްޗަށް އަމުރަށްނުކިޔަމަންތެރިވުމުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.