08 Jan 2015, 10:17
ސްޓޮކްހޮމް (ޖަނަވަރީ 8) : 2013 ވަނައަހަރު ދުނިޔޭގައި އެންމެ ގިނައިން ހަތިޔާރާއި އަސްކަރީ އާލާތްތައް ބޭރުން ގަނެގެން އެތެރެކޮށްފައިވާ ގައުމަކީ އިންޑިޔާ ކަމަށާއި ދުނިޔޭގެ ހުރިހާ ގައުމަކުން އެކެއް ޕޮއިންޓް އަށެއް ޓްރިލިޔަން ޑޮލަރު، ހަތިޔާރަށާއި އަސްކަރީ ކަންކަމަށް ޚަރަދުކޮށްފައިވާކަމަށް ބައިނަލްއަގްވާމީ ރިޕޯޓެއް ބުނެފި އެވެ.
ބައިނަލްއަގްވާމީ ސުލްހައާބެހޭ ދިރާސާތައްކުރާ މުއައްސަސާއެއް ކަމަށްވާ "ސްޓޮކްހޮމް އިންޓަނޭޝަނަލް ޕީސް ރީސާޗް އިންސްޓިޓިއުޓް" އިން ނެރުނު އަހަރީ ރިޕޯޓް ބުނާގޮތުން މިއީ 2012 ވަނަ އަހަރު ދުނިޔޭގެ ގައުމުތަކުން ހަތިޔާރަށާއި އަސްކަރީ ކަންކަމަށް ކޮށްފައިވާ ޚަރަދަށްވުރެ 1.9 އިންސައްތަ ދަށް އަދަދެކެވެ. މިރިޕޯޓް ބުނާގޮތުން 2013 ވަނަ އަހަރު ދުނިޔޭގައި ހަތިޔާރަށާއި އަސްކަރީ ކަންކަމަށް އެންމެ ބޮޑަށް ޚަރަދުކޮށް އެންމެ ގިނައިން ހަތިޔާރު ވިއްކާފައިވާ ގައުމަކީ އެމެރިކާއެވެ. އަދި އެންމެ ގިނައިން ހަތިޔާރާއި އަސްކަރީ އާލާތްތައް ގަނެ އެތެރެކޮށްފައިވާ ގައުމަކީ އިންޑިއާ އެވެ.
ދެހާސް ތޭރަ ވަނަ އަހަރު ދުނިޔޭގެ ގައުމުތަކުން އެކެއް ޕޮއިންޓް އަށެއް ޓްރިލިޔަން ޑޮލަރަކީ އެއަހަރު ދުނިޔޭގެ ގައުމުތަކަށް ލިބުނު އާމްދަނީ (ޖީޑީޕީ)ގެ 2.4 އިންސައްތަކަން ވެސް މިރިޕޯޓްގައި ބަޔާންކޮށްފައިވެ އެވެ. މިރިޕޯޓް ބުނާގޮތުން 2009 ވަނަ އަހަރާއި 2013 ވަނަ އަހަރާ ދެމެދު ހަތިޔާރު ގަތުމަށް އެންމެ ބޮޑަށް ޚަރަދުކޮށްފައިވާ ފަސްގައުމަކީ އިންޑިއާ، ޗައިނާ، ޕާކިސްތާން، ސައޫދީ އަރަބިޔާ އަދި ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އެވެ.
މިފަސްގައުމުގެ ތެރޭން ޗައިނާއަކީ ހަތިޔާރު އިންޕޯޓް ކުރުމުގެ އިތުރުން ގިނައަދަދަކަށް އެހެންގައުމުތަކަށް ހަތިޔާރު އެކްސްޕޯޓްވެސް ކޮށްފައިވާ ގައުމެކެވެ. 2013 ވަނަ އަހަރު ހަތިޔާރު އުފެއްދުމަށާއި އަސްކަރީ ބާރުގަދަ ކުރުމަށް އެންމެ ބޮޑު ޚަރަދު ކުރި ތިން ގައުމުގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެމެރިކާއާއި ޗައިނާއާއި ރަޝިޔާއެވެ. މީގެތެރެއިން ވެސް އެމެރިކާގެ ދިފާޢީ ޚަރަދުތައް 600 ބިލިޔަނާއި 700 ބިލިޔަނާ ދެމެދުގައިވާއިރު ޗައިނާއާއި އަސްކަރީ ޚަރަދުތައް ވަނީ 150 ބިލިޔަނާއި 200 ބިލިޔަނާ ދެމެދުގައި ކަމަށާ ރަޝިޔާގެ އަސްކަރީ ޚަރަދުތައް އުޅެނީ 50 ބިލިޔަނާއި 100 ބިލިޔަނާ ދެމެދުގައި ކަންވެސް މިރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެމެރިކާ ފިޔަވައި ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރަކީ ރަޝިޔާއެވެ. ދެން ޗައިނާއެވެ. (ނުސްއެޖެންސީތައް)