ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށާއިރު، ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން އިވެނީ އެއް ޝަކުވާއެކެވެ. އެކްޓިވިޓީ ޔުނިފޯމް ނުލިބުމުގެ ވާހަކަ އެވެ. ޔުނިފޯމު ކިއުގައި ހުއްޓައި ޔުނިފޯމު ހުސްވާ ކަމުގެ ކަންބޮޑުވުމެވެ. "ޔުނިފޯމު ލިބެނީ ދެ ހަފްތާ ފަހުން"ނެވެ. މިއީ މި ދުވަސް ވަރު އެންމެ ގިނައިން އިވޭ އަޑުތަކެވެ. ކޮންމެ ބެލެނިވެރިޔަކާއި ކުއްޖެއްގެ ވެސް އުންމީދަކަށް ވަނީ ސްކޫލު ހުޅުވުމުގެ ކުރިން ކިޔެވުމަށް ބޭނުންވާނެ ހުރިހާ ސާމާނާއި ޔުނިފޯމު އަދި ބޫޓު ވެސް ހަމަވުމެވެ. އުފެދޭ ސުވާލަކީ ދަރިވަރުންނަށް ޔުނިފޯމު ލިބުމުގައި ދަތިތަކާ ކުރިމަތި ވަނީ ކީއްވެގެންތޯ އެވެ؟ ޔުނިފޯމު ފޯރުކޮށްދިނުމަށް ސްކޫލުތަކުން ހަވާލުކުރި ކުންފުނީގެ ގާބިލު ކަމެއް ނެތީތޯ އެވެ؟

މާލޭގެ ގިނަ ސްކޫލުތަކުގެ ކުދިންނަށް ޔުނިފޯމު ފޯރުކޮށްދިނުމުގައި ހަރަކާތްތެރި ވަނީ އެންމެ ފިހާރައެކެވެ. އެއީ މަޝްހޫރު "އީވް ގާމެންޓް" އެވެ. ބައެއް ސްކޫލުތަކުގެ ޔުނިފޯމު އެ ފިހާރައިން މިހާރު ހުސްވެފައިވާ އިރު، އަނެއްބައި ސްކޫލުތަކުގެ ޔުނިފޯމު ދޫކުރަން ފެށީ ވެސް އިއްޔެ އެވެ. އަދި ބައެއް ސްކޫލުތަކުގެ ޔުނިފޯމު ލިބޭނީ ދެ ހަފްތާ ފަހުން ކަމަށް އީވްގާމެންޓް އާ ހަވާލާދީ ބައެއް ބެލެނިވެރިން ދަނީ ބުނަމުންނެވެ.

"އަމީނިއްޔާ ސްކޫލުގެ އެކްޓިވިޓީ ޔުނިފޯމުގެ ޓްރެކްސޫޓް ލިބޭނީ ދެ ހަފްތާ ފަހުންނޭ އެ ފިހާރައިން ބުނީ. އެ ނޫން ފިހާރައަކުން ޔުނިފޯމެއް ލިބޭކަށް ވެސް ނުހުރޭ،" އަމީނިއްޔާ ސުކޫލުގެ ބެލެނިވެރިއަކު ބުންޏެވެ.

ހަގްތާއަކު ވަކި ދުވަސްތަކަކު ސްކޫލަށް ދާން ޖެހެނީ އެކްޓިވްޓީ ޔުނީފޯމްގަ އެވެ.

އެކްޓިވިޓީ ޔުނިފޯމު ލިބުމުގައި ދަތިތަކާ ކުރިމަތި ލާން ޖެހޭ ކަމަށް ބުނެ ބައެއް ބެލެނިވެރިން ކުރަމުންދާ ޝަކުވާތަކާ ގުޅިގެން 'ސަން' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އީވްގާމެންޓްގެ މެނޭޖަރު އަހުމަދު މުސާއިދު ވިދާޅުވީ، އެ ކުންފުނިން ދަނީ ގިނަ އަދަދެއްގެ ސްކޫލްތަކަކަށް، އެ ސްކޫލްތަކާއެކު އެއްބަސްވެފައިވާ ގޮތަށް ޔުނީފޯމް ފޯރުކޮށްދެމުން ކަމަށެވެ. ނަމަވެސް މިހާރު އެ ފިހާރައަށް ބާރު ބޮޑުވެފައި ވަނީ ހިރިޔާ ސްކޫލުގެ ޔުނީފޯމް ފަހުން ދޫކުރަން ފެށުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުނީފޯމް ނުލިބޭ ކަމަށް ބައެއް ބެލެނިވެރިން ބުނާތީ އެކަމާ ގުޅިގެން މުސާއިދު ވިދާޅުވީ، ކޮންމެ ސްކޫލެއްގެ ޔުނީފޯމް ވެސް އެކްޓްވްޓީ ޔުނީފޯމް ހަދަނީ އެ ސްކޫލަކުންދޭ އަދަދަކަށް ބަލައިގެން ކަމަށާއި ހުސްވާ ވަރަކުން ތައްޔާރު ކުރަމުން އަންނަ ކަމަށެވެ. އަދި ސައިޒު ނުލިބިގެން އެކަން ހުށަހަޅާ ފަރާތްތަކަށް ކިޔޫ ތަރުތީބުން ޔުނީފޯމް ފަހައިދޭ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ވަރަށް ގިނަ ސްކޫލްތަކަށް އެބަ ޔުނީފޯމް ފަހައިދެން. އެގޮތުން ސައިޒު ނުލިބިގެން ބައެއް ބެލެނިވެރިން އެދުމުން އަލުން ފަހައި ވެސް ދެން. އެކަމުގައި ބައެއް ފަހަރު ދެ ދުވަސް އަނެއް ބައި ފަހަރު ފަސް ދުވަސް ވެސްވޭ. ކިޔޫގެ ތަރުތީބުން އެކަން ދަނީ،" މުސާއިދު ވިދާޅުވި އެވެ.

ޔުނިފޯމު ފޯރުކޮށްދިނުމަށް ފިހާރަތަކަށް ނުވަތަ ކުންފުނިތަކަށް ހަވާލުކުރުމުގައި ސްކޫލުތަކުން ގެންގުޅޭ އުސޫލުތަކެއް ވެސް އޮވެ އެވެ. ބައެއް ސްކޫލުތަކުގައި ބިޑަށް ހުޅުވާލުމަށް ފަހު އެންމެ ރަނގަޅު ބިޑެއް ހުށަހަޅާ ފަރާތަކަށް ހަވާލުކުރެ އެވެ. އަނެއް ބައި ސްކޫލުތަކުގައި މީގެ އެތައް އަހަރެއް ކުރިން ކުންފުންޏަކާ ނުވަތަ ފިހާރައަކާ އެކު ހަދާފައިވާ އެގްރިމެންޓްގެ ދަށުން ޔުނިފޯމުގެ ކަންކަން ކުރިއަށް ގެންދެ އެވެ.

އަމީނިއްޔާ ސްކޫލުގެ އެކްޓިވިޓީ ޔުނިފޯމުގެ ކަންކަން ވެސް މީގެ އެތައް އަހަރެއް ކުރިން ހެދިފައިވާ އެގްރިމެންޓްގެ ދަށުން ހަވާލުކޮށްފައި ވަނީ އީވް ގާމެންޓާ އެވެ. ޔުނިފޯމުތަކުގެ މައްސަލައިގައި އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް 'ސަން' އަށް ވިދާޅުވީ، އެ ސްކޫލުގެ އެކްޓިވިޓީ ޔުނިފޯމު ލިބުމުގައި ދަތިތަކެއް ހުރި ކަމަށާއި އީވް ގާމެންޓާ ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި ކުދިންނަށް އެކްޓިވިޓީ ޔުނިފޯމު ލިބެންދެން އޮފިޝަލް ޔުނީފޯމުގައި ނުކުތުމަށް އަންގާފައިވާނެ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.

"އީވް ގާމެންޓާއެކު ވެފައިވާ އެއްބަސްވުމަކީ ވަރަށް ކުރީގެ އެއްބަސްވުމެއް. އެއްބަސްވުން އާ ކުރަން އަދި މަސައްކަތެއް ނުކުރަން. އެކަމަކު މިހާރު އެބަ ހުރި ރަނގަޅު ފަރާތްތައް ޔުނިފޯމު ފޯރުކޮށްދޭނެ،" އަމީނިއްޔާ ސުކޫލުގެ ޕްރިސިޕަލް ވިދާޅުވި އެވެ.

އިސްކަންދަރު ސްކޫލުގެ އެކްޓިވިޓީ ޔުނިފޯމު ވިއްކުމުގެ ކަންކަން ވެސް ހަވާލު ކުރެވިފައި ވަނީ އީވް ގާމެންޓާ އެވެ. އެ ސްކޫލުގެ ޕްރިންސިޕަލް 'ސަނ'ް އަށް ވިދާޅުވީ، އީވް ގާމެންޓާ ޔުނިފޯމުގެ ކަންކަން ހަވާލުކުރީ ބިޑަށް ހުޅުވާލުމުން އެކަމަށް ކުރިމަތިލީ ހަމަ އެކަނި ފަރާތަކީ އެއީ ކަމަށް ވާތީ ކަމަށެވެ.

"ބިޑަށް ހުޅުވާލީމަ، ކުރިމަތިލީ ހަމަ އެކަނި އީވް ގާމެންޓް. އަޅުގަނޑުމެންނަށް ވެސް ރަނގަޅު ވީހާ ވެސް ގިނަ ބަޔަކު މިކަމަށް އެދި ކުރިމަތި ލިއްޔާ. އޭރުން އަގުހެޔޮ ވެފައި ޔުނިފޯމު ލިބުމުގައި ފަސޭހަ ވެގެން ދާނެ،" އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

ކަން މިހެން ހުރި އިރު، ދިރާސީ އާ އަހަރު ފެށެންވާ އިރަށް ކިޔަވާކުދިންނަށް ޔުނީފޯމު ނުލިބުމަކީ މައްސަލަ އެކެވެ. ސްކޫލުތަކުންނާއި ޔުނިފޯމުގެ ހިދުމަތް ފޯރުކޮށްދޭ ތަން ތަނުން މިއަށް ވުރެ ފަސޭހަ އިންތިޒާމެއްގެ ދަށުން އަވަހަށް ޔުނީފޯމު ފޯރުކޯށްދިނުމަށް މަސައްކަތް ކުރަން ޖެހެ އެވެ. ބެލެނިވެރިންނާއި ދަރިވަރުންގެ އިތުރުން ސުކޫލުތަކުން ވެސް ޔުނީފޯމުގެ މައްސަލަ ހައްލު ހޯދުމަށް މަސައްކަތް ކުރަން ޖެހެ އެވެ.