ރާއްޖޭގެ ބާސްކެޓް ބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ބޭއްވުމުގައި ބޮޑެތި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ އެކަމާ ގުޅޭ ގޮތުން ޔޫތު މިނިސްޓްރީއަށް މައްސަލަ ހުށަހަޅައިފި އެވެ.

އެމްބީއޭގެ އަހަރީ އާންމު ޖަލްސާއާ ގުޅޭ ގޮތުން ޔޫތު މިނިސްޓްރީއަށް މައްސަލައެއް ހުށަހަޅާފައި ވާކަން އެ މިނިސްޓްރީންވެސް ވަނީ ޔަގީން ކޮށްދީފައެވެ.

ޔޫތު މިނިސްޓްރީން 'ސަން' އަށް މައުލޫމާތު ދެމުން ބުނީ، އެމްބީއޭ އަހަރީ އާންމު ޖަލްސާގެ މައްސަލަ ޔޫތު މިނިސްޓްރީން ބަލަމުން އަންނަ ކަމަށާއި، އެ މައްސަލައިގައި އިތުރު މައުލޫމާތެއް އަދި ދެވެން ނެތް ކަމަށެވެ.

އެމްބީއޭއިން މިއަހަރު ހިންގަން ރާވާފައިވާ ހަރަކާތްތަކާއި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ދިޔަ ގޮތާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުވާލަން އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އޮފިޝަލަކަށް ގުޅާލުމުން އޭނާ ވިދާޅުވީ، އެމްބީއޭގެ އަހަރީ އާންމު ޖަލްސާ ކުރިއަށް ދިޔަ ގޮތް އޭނާއަށް ނޭނގޭ ކަމަށެވެ. އަދި އެ ޖަލްސާއަށް އޭނާއަށް ދައުވަތު ލިބިފައި ނުވާކަމަށާއި، އެ ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ އެމްބީއޭގެ ގަވައިދުތަކާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްބީއޭގެ އަހަރީ އާންމު ޖަލްސާ ދިޔަ ގޮތާ މެދު އެއްޗެކޭ ބުނާކަށް އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނޭނގެ. އަޅުގަނޑަކީވެސް އެކްސްކޯ މެންބަރެއް، ނަމަވެސް އަޅުގަނޑަށްވެސް އެ ޖަލްސާ ބޭއްވިކަން އިނގުނީ ސޯޝަލް މީޑީއާއިން. އެ ޖަލްސާ ބާއްވާފައި ވަނީ އެމްބީއޭގެ ގަވައިދުތަކާ ހިލާފަށް. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޖަލްސާ ބޭއްވިކަން މެންބަރު ބައެއް ކްލަބުތަކަށްވެސް ނޭނގެ. އަދި އެ ޖަލްސާއަށް ދިޔަ ބައެއް މެންބަރު ކްލަބުތަކުގެ ރެޕުންނަށް ޖަލްސާއަށް ވަނުއްމަށްވެސް ފުރުސަތެއް ނުލިބުނު،" ނަން ހާމަކުރައްވަން ބޭނުންވެ ނުލައްވާ އެ އޮފިޝަލް ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން 'ސަން' އަށް މައުލޫމާތު ދެމުން އެމްބީއޭގެ ނައިބު ރައީސް އަބްދުﷲ އާމިރު ވެސް ވަނީ ޔޫތު މިނިސްޓރީ އާއި ސްޕޯޓްސް ކައުންސިލްގެ އިތުރުން ކަމާބެހޭ ފަރާތްތަކުން އެ މައްސަލަ ބަލަމުން ގެންދާކަން ޔަގީން ކޮށްދެއްވާފައެވެ. އަދި އެކަމާ ގުޅޭ ގޮތުން އިތުރަށް މައުލޫމާތު ދޭން އެނގޭނީ އެ މައްސަލަ ބަލައި ނިމުމުން ކަމަށް އާމިރު ވިދާޅުވި އެވެ.

"އެ މައްސަލަ ދިމާވީ އެކްސްކޯ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން މާ ބޮޑަށް އުފެދިފައި ވާތީ. އެ މައްސަލަ މިހާރު ވާނީ ކަމާ ބެހޭ ހުރިހާ ފަރާތްތަކަކަށްވެސް ހުށަހަޅާފައި. އެކަމާ ގުޅޭގޮތުން އިތުރު އެއްޗެކޭ ބުނަން އިނގޭނީ އެ މައްސަލަ ބަލައި ނިމުމުން،" އާމިރު ވިދާޅުވި އެވެ.

'ސަން' އަށް މައުލޫމާތު ލިބިފައި ވާގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އެމްބީއޭއިން ބާއްވާފައި ވަނީ އެ އެސޯސިއޭޝަންގެ މިދިޔަ އަހަރުގެ އާންމު ޖަލްސާ އެވެ. މީގެ ކުރިން 'ސަން' އަށް މައުލޫމާތު ދެމުން އެ އެސޯސިއޭޝަނުން ބުނެފައި ވަނީ ޖަލްސާ ފަސްކުރެވުނީ އެކުވެނީގައި ހުންނަ އެމްބީއޭގެ އޮފީހުގެ ސީލިންގް ޝީޓުގެ ބައެއް ވެއްޓި އެ އޮފީސް ބަންދު ކުރަން ޖެހުމުން އެ އެސޯސިއޭޝަންގެ ކަންކަން ހިންގާނެ ތަނެއް ލިބުން ލަސްވުމުގެ ސަބަބުން ކަމަށެވެ.