ޕެރިސް (ޖަނަވަރީ 8): ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ފަރަންސޭސިވިލާތުގެ ނޫހެއް ކަމަށްވާ "ޗާލީ ހެބްޑޫ" ގެ މަރުކަޒަށް ގޮތްނޭނގޭ ބަޔަކު އިއްޔެ ދިން ހަމަލާތަކުގައި ބައިވެރިވި ކަމަށް ޝައްކުކުރެވޭ މީހަކު، ފަރަންސޭސި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފަރަންސޭސި ފުލުހުންނާ ހަވާލާދީ، ޚަބަރުފަތުރާ ވަސީލަތްތައް ބުނާގޮތުން ހައްޔަރުކޮށްފައިވަނީ އަލްޖަޒާއިރުގެ ދަރިކޮޅަށް ނިސްބަތްވާ ފަރަންސޭސި ރައްޔިތެއް ކަމަށްވާ އުމުރުން 18 އަހަރުގެ ޙަމީދު މުރާދެވެ. އޭނާއަކީ މި ހަމަލާތައް ދިން ކަމަށް ޝައްކުކުރެވޭ ތިންމީހުންގެ ތެރެއިން އެންމެ ހަގުމީހާ ކަމަށް ޚަބަރުލިބެއެވެ.

ހަމަލާތައް ދިން ކަމަށް ޝައްކުކުރެވޭ އަނެއް ދެމީހުންނަކީ އެއްބަނޑު އެއްބަފާ ދެމީހުންނެވެ. އެއީ ސަޢީދު ކުވާޝީއާއި ޝަރީފް ކުވާޝީ އެވެ. މި ދެމީހުންނަކީވެސް އަލްޖަޒާއިރުގެ ދަރިކޮޅުގެ ފަރަންސޭސި ރައްޔިތުންކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ.

ބާރަމީހުން މަރުވި ޙާދިސާއާ ގުޅިގެން ރައްޔިތުންނާ މުޚާތަބު ކުރައްވައި ރޭ ދެއްވި ޚިތާބެއްގައި ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންދް ވިދާޅުވީ، މިއަދަކީ ގައުމީ ހިތާމައިގެ ދުވަހެހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވާ ކަމުގައެވެ.

ދުނިޔޭގެ އެކިދީންތަކަށާއި ނަބިއްޔުންނާއި ރަސޫލުންގެ އިތުރުން ދުނިޔޭގެ މަޝްހޫރު އެކިއެކި ފަރާތްތަކަށްވެސް މަލާމާތާއި ފުރައްސާރުމުގެ ކާޓޫންތައް ކުރެހުމަށް އިސްކަންދޭ "ޗާލީ ހެބްޑޫ" ނޫހުގެ މަޒުކަށް ޙަމަލާދިން ތިން މީހުން ފިލާފައިވާއިރު ފަރަންސޭސި ފުލުހުން ދެކޭގޮތުގައި މިހާރު ހައްޔަރުކޮށްފައިވާ ހަމީދަކީ އޭގެތެރެއިން އެކެކެވެ. އަނެއްދެމީހުން ހޯދުމަށްވެސް ގެންދަނީ ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

މި އޮޕަރޭޝަންގައި ހަރަކަތްތެރިވާ ފަރަންސޭސި ފުލުހުން ވަނީ ހަތިޔާރުއެޅި މީހުން ފިލަންބޭނުންކުރި ކާރު ހޯދިއްޖެ ކަމަށް ކުރިން ބުނެފައެވެ.

"ޗާލީ ހެބްޑޫ" ނޫހަށް ދިން ހަމަލާތަކުގައި އެނޫހުގެ އެޑިޓަރުގެ އިތުރުން އެނޫހުގެ ހަތަރު ކުރެހުންތެރިންނާއި ފަސް މުވައްޒަފުންނާއި ފަރަންސޭސި ފުލުހުންގެ ދެމީހަކުވެސްވަނީ މަރާލާފައެވެ. މީގެއިތުރުން އެޙަމަލާތަކުގައި ފަރަންސޭސިފުލުހުންގެ ދެމީހަކު ޒަޚަމްވެސް ވެފައިވެއެވެ.

މިޙާދިސާއާ ގުޅިގެން ގައުމާ މުޚާތަބު ކުރައްވައި ރޭ ދެއްވި ޚިތާބުގައި ފަރަންސޭސި ރައީސް އޮލާންދްވަނީ މިޚުތޫރަތްތެރި ދަނޑިވަޅުގައި ގައުމުގެ އެއްބައިވަންތަކަމާއި ވަޙްދަތު ހިފެހެއްޓުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އޮލާންދް ވަނީ މިޙަމަލާތައް ދިން މީހުންނާއި އެމީހުންގެ ފަހަތުގައި ތިބި ފަރާތްތައްވެސް ހޯދައި އިންސާފުގެ ކުރިމައްޗަށް ޙާޒިރު ކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

ހަތިޔާރުއެޅި ބައަކު ދިން ޙަމަލާތަކުގެ ޝިކާރައަކަށްވި ފަރަންސޭސި "ޗާލީ ހެބްޑޫ" ނޫހަކީ އެއްފަހަރަށް ވުރެ ގިނަ ފަހަރު ކީރިތި ރަސޫލާ މުޙައްމަދު ސައްލައްﷲ އަލައިހި ވަސައްލަމަގެ މާތް ޝަޚްސިއްޔަތަށްވެސް ފުރައްސާރަކޮށް ކާޓޫންތައް ކުރަހައި އެތަކެތި ޝާއިޢުކޮށް ދުނިޔޭގެ 1.2 ބިލިޔަން މުސްލިމުން ރުޅިއަރުވާލާފައިވާ ހަރުކަށި ފިކުރުގެ ހަފްތާ ނޫހެކެވެ. އެހެންކަމުން ގިނަ ބަޔަކު "ޗާލީ ހެބްޑޫ" ނޫސް ސިފަކުރަނީ ޑިމޮކްރަސީގެ އުސޫލުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހެޔޮގޮތުގައި ބޭނުންކުރާ ނޫހަކަށްވުރެ ބޮޑަށް ޚިޔާލު ފާޅުކުރުމުގެ ނަމުގައި މީހުން ރުޅިއަރުވައި ޖެއްސުންކުރުމުގެ ހަރުކަށި އަމަލުތައް ހިންގަމުން ގެންދާ އަދި ނޫސްވެރިކަމުގެ އަޚްލާގީ މިންތަކުން ބޭރުވެފައިވާ ނޫހެއްގެ ގޮތުގައެވެ.

"ޗާލީ ހެބްޑޫ" ނޫހުގެ ޢަމަލުތައް މިހެން ހުރިނަމަވެސް އެއީ އެނޫހުގެ މަރުކަޒަށް ހަމަލާދީ އެނޫހުގެ މުވައްޒަފުން މަރައި ގަތުލު އާންމު ހިންގަންޖެހޭ ކަމެއް ނޫން ކަމަށާ އެނޫހަށް ދިން ޙަމަލާތަކަކީ ޓެރަރިސްޓް ޙަމަލާތަކެއް ކަމަށް އެފަރާތްތަކުން ސިފަކުރެއެވެ.

"ޗާލީ ހެބްޑޫ" ނޫހަށް ދިން ޙަމަލާތައް، އދ. އާއި ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާއި ބައިނަލްއަގްވާމީ ޖަމްޢިއްޔާ ޖަމާއަތްތަކުން ކުށްވެރިކޮށްފައިވާއިރު މި ޓެރަރިސްޓް ޙަމަލާތައް ކުށްވެރިކުރި ފަރާތްތަކުގެ ތެރޭގައި އިސްލާމީ ގައުމުތަކުގެ ސަރުކާރުތަކާއި އިސްލާމީ ޖަމިއްޔާ ޖަމާއަތްތައްވެސް ހިމެނެއެވެ. (ނޫސްއެޖެންސީތައް)