އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެެ އެވެ. އޭނާ ރާއްޖެ އައިސްފައިވަނީ މިއަދު 7:30 ކަންހާއިރު އެވެ.

މި ރޭ ގަލޮޅު ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝޯގައި ޕާފޯމް ކުރާން އޭކަން ރާއްޖެ އައުމުން އޭނާއަށް މަރުހަބާ ކިޔާފައިވަނީ ޝޯ އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.

މިރޭ ބާއްވާ ޝޯގައި އޭކަންގެ އިތުރުން އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ ވެސް ޕާފޯމު ކުރާނެ ކަމަށް އެޝޯއިންތިޒާމް ކުރާ ޗޮޕް އާޓުން ވަނީ ބުނެފައެވެ.

މި ރޭ އޭކަން ރާއްޖޭގައި ޝޯ ދިނުމަށް ހަމަޖެހިފައިވާ އިރު އާ އަހަރުގެ ޝޯ ދިނުމަށް ރާއްޖެ ގެނައުމަށް މަސައްކަތްކުރި ޝޯން ޕޯލް އަށް ވަނީ ބަޔަކު މަރުގެ އިންޒާރު ދީފަ އެވެ. އެކަމުގެ ސަބަބުން އޭނާ ރާއްޖެ ނާންނަ ގޮތަށް ނިންމި އެވެ. އަދި އެ ރޭ ޝޯ ދިނުމަށް ރާއްޖެ ގެނެސްފައި ވަނީ އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިން ކަަމަށްވާ ސާލިމް މާޗަންޓާއި ސުލައިމާން މާޗަންޓު އެވެ.