ބާވީސް މީހުންނާއެކު މަހަށްދިޔަ ގއ. ގެމަނަފުށީ މަސްދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ގެމަނަފުށީ ކައުންސިލްގެ ނައިބު ރައީސް ޝަމްވީލް އިބްރާހީމް ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ އެރަށު "ނޫރާނީ6" ނަމަކަށް ކިޔާ މަސްދޯންޏެއް ކަމަށާއި އެއީ 100 ވަރަކަށް ފޫޓުގެ ދޯންޏެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެދޯނީގެ ޚަބަރެއް ނުވެގެން ދޯނިން މަހަށްދިޔަމީހުންގެ އާއިލާގެ ފަރާތްތަކުން ކައުންސިލާ އެ މައުލޫމާތު ހިއްސާކުރުމުން ގެމަނަފުށީ ޕޮލިސްޓޭޝަން މެދުވެރިކޮށް ކޯސްޓުގާޑަށް އެ މައުލޫމާތު ފޯރުކޮށްދީފައިވާނެކަމަށެވެ.

ކޯސްޓުގާޑަށް މައުލޫމާތު ލިބުމާއެކު ވަގުތުން އެ ދޯނި ހޯދުމުގެ މަސައްކަތް ސިފައިން ފަށާފައިވާ ކަމަށާއި އެ ދޯނިން ދަތުރުކުރި އެއްވެސް މީހެއްގެ މޯބައިލް ފޯނަށް ގުޅޭނެގޮތެއްނުވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެރަށު މީހުންނަށް އެދޯނީގެ މީހަކާ އެންމެ ފަހުން ގުޅިފައި ވަނީ އަންގާރަ ދުވަހުގެ ރޭ 9:00 އެހައިކަންހާއިރު އެއަތޮޅު ކޫއްޑޫ އަށް މަސްކިރާފައި ދިޔަވަގުތު ކަމަށެވެ. އަދި އިއްޔެގެވަގުތެއްގައި ހުވަދޫ ކަނޑުގައި އެ ދޯނި މަސްވެރިކަން ކުރަނިކޮށް ފެނިފައިވާ ކަމަށް ލ. އަތޮޅުގެ ދޯންޏަކުން އެ ދޯނީގެ ވެރިފަރާތަށް މައުލޫމާތުދީފައިވާ ކަމަށާއި އެހެންނަމަވެސް އެ ދޯންޏާ ގުޅުމަށް ތަކުރާރުކޮށް ކުރި މަސައްކަތް ކާމިޔާބުވެފައިނުވާ ކަމަށް ވެސް ޝަމްވީލް ވިދާޅުވިއެވެ.

"ލ. އަތޮޅުގެ ދޯންޏަކުން ވަނީ އެ ދޯނީގެ ވެރިފާރަތަށް މައުލޫމާތު ހިއްސާކޮށްފައި އިއްޔެގެ ވަގުތެއްގައި ހުވަދޫ ކަނޑުގެ ސަރަހައްދަކުން އެ ދޯނި މަސް ބޭނިތަނުން ތިމަންނަމެން ވެސް މަސްބޭނީމޭ. އެހެންނަމަވެސް އެދޯނީގެ އެއްވެސް ޚަބަރެއް ނުވެގެން މިއުޅެނީ،" ޝަމްވީލް ވިދާޅުވިއެވެ.

އެ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވައި ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.