ވޯޓްލާ މަރުކަޒުތަކުގައި ދާއިރާތަކަށް ކުރިމަރިލީ ކެނޑިޑޭޓުންގެ ނަންތައް އާންމުކޮށް ފެންނާނެހެން ބަހައްޓާފައި ނުވާ މައްސަލަ ފެންމަތިވެއްޖެ އެވެ.

ވިލިމާލޭގެ ރައްޔިތުންނަށް އެ ރަށު މުހިއްޔިއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ދެ ވޯޓު ފޮށި ކައިރީގައި އެ ދާއިރާއަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށް ފެންނާނެހެން ބަހައްޓާފައި ނެތުމުން، އެ ވޯޓް ފޮށިތަކާ ހަވާލުވެގެން ތިއްބެވި އިލެކްޝަންސްގެ އޮފިޝަލުން މިއަދު ވިދާޅުވީ ވޯޓް ހަރުދާހާއި އިދާރީ މަސައްކަތްތަކުގެ ސާމާންތައް ފޮނުވިއިރު، ކެންޑިޑޭޓުންގެ ނަންތަކުގެ ލިސްޓްތައް އެ ތަންތަނަށް ފޮނުވާފައި ނުވާ ކަމަށެވެ.

ވިލިމާލޭގައި އެ މައްސަލަ ފެންމަތިވެފައިވާ އިރު، ތ. ތިމަރަފުށީގައި ބަހައްޓާފައި ހުރި ވޯޓް ފޮށިތަކުގެ ކައިރީގައި ވެސް، އެ ދާއިރާގެ ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށް ބަހައްޓާފައި ނުވާ ކަމަށް އެ ރަށުން ވާހަކަދެއްކި މީހަކު ސަންއަށް މައުލޫމާތު ދިނެވެ.

ނަމަވެސް އިލެކްޝަންސްގެ މީޑިއާ ކޯޑިނޭޓާ އިސްމާއިލް ހަބީބު ވިދާޅުވި ހުރިހާ ރަށަކަށް ވޯޓް ކަރުސާތަކާއި އިދާރީ މަސައްކަތްތަކުގެ ސާމާނުތައް ފޮނުވާފައިވާ ކަމަށެވެ.