މި ސީޒަންގައި ޕްރިމިއާ ލީގުގައި ރެފްރީކަން ކުރާ ރެފްރީންގެ ފެންވަރު ވަރަށް ދަށްވެފައިވާ ކަމަށާއި، މިދިޔަ ކްރިސްމަސް ތެރޭގައި ލީގުގެ މެޗުތައް ރެފްރީކަން ކުރި ރެފްރީންގެ ފެންވަރު ވަކިން ހާއްސަކޮށް ދަށްވެފައި ވާކަން ފާހަގަ ކުރެވޭ ކަމަށް ޕްރޮފެޝަނަލް ގޭމް މެޗް އޮފިޝަލްސް ލިމިޓަޑް (ޕީޖީއެމްއޯބީ)ގެ ކުރީގެ މެނޭޖަރު ކެއިތު ހެކެޓް ބުނެފި އެވެ.

ހެކެޓް ބުނީ މިދިޔަ ކްރިސްމަސް ޕީރިއަޑުގައި ލީގު މެޗުތަކުގައި ރެފްރީކަން ކުރުމުގައި ރެފްރީންގެ ފަރާތުން 20 އަށްވުރެ ގިނަ ފާހަގަ ކުރެވޭ ވަރުގެ މައްސަލަތައް ފެނިފައިވާ ކަމަށާއި، އެކަން އޭނާ ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށެވެ.

"މި ކްރިސްމަސް ޕީރިއަޑުގައި ރެފްރީކަން ކުރުމުގައި ބޮޑެތި މައްސަލަތަކެއް އަހަންނަށް ފާހަގަ ކުރެވުނު. އޭގެ ތެރޭގައި ޖެނުއަރީ އެކެއްގައި ކިއުޕީއާރް އާއި ސްވޮންސޭ ކުޅުނު މެޗުގައި ވޭން ރޫލެޖް އަށް ދެއްކި ރަތް ކާޑު ހިމެނޭ. އެ މެޗުގައި އަހަރެން ގަބޫލްކުރީ ކާޑު ދައްކާނީ އޭނާއަށް ފައުލް ކުރި ކުޅުންތެރިޔާއަށް ކަމަށް. ނަމަވެސް ކަން ވީ އޭގެ އިދިކޮޅަށް. އަދި އެވާޓަން އާއި ސިޓީ ކުޅުނު މެޗުގައި ރެފްރީކަން ކުރި މެރިނާގެ ފަރާތުންވެސް ފެނިގެން ދިޔައީ ރެފްރީކަން ކުރުމުގައި ވަރަށް ދަށް ފެންވަރެއް. އަހަރެން އެ މެޗު ބަލަން އިނީ ނައިޖީރިއާގެ ފީފާ ރެފްރީތަކަކާއެކު. އެމީހުންވެސް ތިބީ ހައިރާން ވެފަ،" ހެކެޓް ބުންޏެވެ.

އޭގެ އިތުރުން ހެކެޓް ވަނީ މި ސީޒަން ނިމުމުން ރެފްރީކަމުން ވަކި ކުރަން ޖެހޭ ވަރުގެ ދަށް ފެންވަރެއް ދައްކާފައިވާ ފަސް ރެފްރީއެއްގެ ނަން އޭންގެ ބްލޮގުގައި ފާހަގަ ކޮށްފަ އެވެ. އޭގެ ތެރޭގައި މައިކް ޖޯންސް އާއި ލީ މޭސަން އަދި މިދިޔަ އަހަރުގެ އެފްއޭ ކަޕް ފައިނަލްގައި ރެފްރީކަން ކުރި ލީ ރޮބާޓް ވެސް ހިމެނެ އެވެ.

ހެކެޓްގެ ތުހުމަތުތަކަށް ރައްދު ދެމުން ޕީޖީއެމްއޯބީން ބުނެފައި ވަނީ 2010 ވަނަ އަހަރު އެ ކުންފުނީގެ މެނޭޖަރު ކަމުން ހެކެޓް ދުރުވުމަށްފަހު އެ މަގާމާ ހަވާލުވި މައިކް ރައިލީގެ ދަށުން ލީގުގެ މެޗުތަކުގައި ރެފްރީކަން ކުރުމުގެ ފެންވަރު ކުރިއަށްވުރެ ބޮޑަށް ރަނގަޅު ވެފައިވާ ކަމަށެވެ. މި ފަހަކަށް އައިސް ލީގު މެޗުތަކުގައި ރެފްރީކަން ކުރާ ފަރާތްތަކުގެ ފެންވަރު ދަށްވެފައި ވުމުން އެކަމުގެ ޒިންމާ މިހާރު ޕީޖީއެމްއޯބީގެ މެނޭޖަރުކަން ކުރަމުން އަންނަ ރައިލީ އުފުލަން ޖެހޭނެ ކަމަށް ހެކެޓް ބުނެފައިވެ އެވެ.

ޕީޖީއެމްއޯބީން ބުނީ ބޮޑެތި ނިންމުންތައް ނިންމުމުގައި ރެފްރީންގެ އެކިއުރެސީ ކުރިން އޮތް 94.1 ޕަސެންޓުން 95 ޕަސެންޓަށް މިހާރު އިތުރުވެފައި ވާއިރު، ޕެނަލްޓީ ބޮކްސްގެ ތެރޭގައި ރެފްރީން ނިންމާ ނިންމުންތަކުގެ އެކިއުރެސީ 98 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ. އަދި 2010 ވަނަ އަހަރު ރައިލީ ޕީޖީއެމްއޯބީގެ މެނޭޖަރުކަމާ ހަވާލުމަށްފަހު އޮފްސައިޑް ނިންމުންތައް ނިންމުމުގައި ރެފްރީންގެ އެކިއުރެސީ 92 ޕަސެންޓުން 98 ޕަސެންޓަށް އިތުރު ވެފައިވާ ކަމަށް ޕީޖީއެމްއޯބީން ވަނީ ބުނެފަ އެވެ.

ހަ އަހަރުގެ މުއްދަތަކަށް ޕީޖީއެމްއޯބީގެ މެނޭޖަރުކަން ކުރި ހެކެޓް ވަނީ 1981 އާއި 1991 އާމެދު ފީފާ ރެފްރީންގެ ލިސްޓުގައި ހިމެނިފަ އެވެ. އަދި 1988 ގައި ޔޫރަޕިއަން ޗެންޕިއަންޝިޕާއި އޮލިމްޕިކް ގޭމްސްގައި ވެސް އޭނާ ވަނީ ރެފްރީކަން ކޮށްފައެވެ.

ޕްރިމިއާ ލީގުގައި ރެފްރީކަން ކުރާނެ ފަރާތްތައް ކަނޑައެޅުމުގެ އިތުރުން މެޗުތަކުގައި ރެފްރީކަން ކުރާ ރެފްރީން ކަނޑައަޅާ ޕީޖީއެމްއޯބީ އުފެދިފައި ވަނީ 2001 ވަނަ އަހަރު އިނގިރޭސި އެސޯސިއޭޝަން ފުޓްބޯޅައިގެ ރެފްރީން ޕްރޮފެޝަނަލުންގެ މަގާމް ހޯދުމުންނެވެ. އަދި އެ ކުންފުނީގެ މައިގަނޑު މަގްސަދަކީ އިންގްލޭންޑުގައި ރެފްރީކަމުގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމެވެ.