ޓްރެފިކް ބަލަހައްޓަން ތިބި ފުލުހުންނަށް އަމިއްލަ ނަމާއި އެޑްރެސް އޮޅުވާލައިގެން ދޮގު މައުލޫމާތު ދިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 19 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ފުލުހުން ހުއްޓުވީ މިރޭ 7:15 ހާއިރު މަޖީދީމަގާއި އަލިކިލެގެފާނުމަގު ގުޅުނު ހަތަރު އަނގޮޅި ސަރަޙައްދުގައި ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް، އޭނާ ސައިކަލްގައި ދުއްވާފައި ދިޔައިރު އަމަލުތައް ހުރި ގޮތުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ހުއްޓުވައި ސުވާލު ކުރުމުން، އޭނާގެ ޒާތީ މަޢުލޫމާތުތައް ފުލުހުންނަށް އޮޅުވާލައި، ދޮގު މަޢުލޫމާތު ދީފައިވާ ކަމަށެވެ. އަދި އޭނާ އަކީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށެވެ.

އެ މައްސަލަ ފުލުހުންގެ ޖެންރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.