07 Jan 2015, 22:51
"މި ދީބުގެ ޒުވާނުންނޭވެ" މި ނަމުގައި ޖަމިއްޔަތުލް ސަލަފުން އިންތިޒާމްކޮށްގެން މިރޭ ފުރުގާން މިސްކިތުގައި ދަރުސްއެއް ބާއްވައިފި އެވެ. ދަރުސް ދެއްވާފައި ވަނީ ޝެއިހް މުހައްމަދު ޝައްމޫނެވެ.
ޝެއިހް ޝައްމޫންގެ ދަރުހުގައި އޭނާ ވިދާޅުވީ އާ ދީބަކާ ދިމާލަށް މިސްރާބު ނުޖަހައި، ﷲގެ ދީބުގައިވާ ގޮތަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ކޮންމެ އުންމަތެއް ކުރިއެރުމާއި ހަލާކު ގުޅިފައި ވަނީ ޒުވާނުންނާ ކަމަށާއި އިސްލާމް ދީނުގައި ވެސް ޒުވާނުންނަށް ހާއްސަ ގަދަރެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އިސްލާމް ދީން ފެތުރުމުގައި ވެސް ޒުވާނުންގެ ދައުރު ބޮޑު ކަމަށާއި ޒުވާނުންގެ އަގީދާ ބަލިކުރެއްވުމަށް ޣައިރު މުސްލިމުން އެކިއެކި ފާހިޝް އަމަލުތައް ފަތުރަމުންދާ ކަމަށް ޝެއިހް ވިދާޅުވި އެވެ.
"ޣައިރު މުސްލިމުންނަށް އެނގޭ އިސްލާމްދީން ފެތުރިގެން އައީ ޒުވާނުންގެ އަތްމަތީގައިކަން، މި ދީނުގެ ހައްގުވެރިން އެ މީހުން ހަގީގީ މަގާމުގައި ތިބީ ޒުވާނުން އެ މީހުންގެ ހައްގު ގޮތުގައި ތިބި ދުވަސްވަރުގައިކަން، އެހެންވުމުން ޒުވާނުންގެ ހައްގު މަގާމުން އެނބުރުވުމަށް އެ މީހުން ބޭނުންވާ މަގާމަށް ގެންދިއުމަށް މަސައްކަތްތަކެއް އެބަކުރޭ،" ޝެއިހް ޝައްމޫން ވިދާޅުވިއެވެ.

ޝެއިހް ޝައްމޫން ވިދާޅުވީ ޢައިރު މުސްލިމުންގެ މަގާމަށް ޒުވާނުން ގެންދިއުމަށް ކުރަމުންދާ މަސައްކަތަކީ ޒަމާނީ ނަންނަމުގައި ﷲ ހަރާމް ކުރެއްވި ފާހިޝް އަމަލުތަކަށް މީހުންނަށް އާންމު ކުރުން ކަމަށެވެ. އޭނާ ވިދާޅުވީ ހައިރާންވާ ކަމަކީ މުސްލިމު ގައުމުތަކާއި މުސްލިމް ނަންތައް ކިޔާ ފަރާތްތަކުން އެފަދަ ކަންކަން ކުރަން އުޅޭތީ ކަމަށެވެ.
ޝެއިހް ޝައްމޫންގެ ވާހަކައިގައި ވަނީ ގައުމުތަކުގެ ވެރިން ވެސް އިސްލާމްދީނާ ހިލާފް އަމަލުތައް ނުހިންގުމަށް ގޮވާލައްވާފަ އެވެ. މާތްﷲ ބާރުތައް ދެއްވަނީ "ހިތިހުރި" ގޮތަކަށް ކަންކަން ކުރަން ނޫން ކަމަށާއި އިސްލާމީ އުސޫލުގެ މަތިން ކަންކަން ކުރުމަށް ގޮވާލެއްވި އެވެ. ޒުވާނުން ވެސް އިސްލާމީ ރިވެތި އުސޫލުގެ މަތީގައި ސާބިތުވެ ތިބުމަށް ގޮވާލެއްވި އެވެ. އިސްލާމީ އުސޫލްތަކުގެ މަތީގައި ދެމިނުހުރެޖެއްނަމަ ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
